ގްރީން ޓެކްސް

ގްރީން ފަންޑަށް ޑިސެމްބަރު މަހު ލިބުނީ 25 މިލިއަން

Feb 16, 2021
1

ގްރީން ޓެކުހަށް މިދިޔަ ޑިސެމްބަރު މަހު 25 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ގްރީން ފަންޑު ރިޕޯޓް ދައްކާ ގޮތުން ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވި ޓޫރިޒަމް އެންމެ ރަނގަޅުވި ޑިސެމްބަރު މަހު ސަފާރީ އުޅަނދު ފަހަރުން ގްރީން ޓެކްސްގެ ގޮތުގައި 745,846.58ރ. ލިބިފަިއވެ އެވެ.

މި ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ މާލެ އަތޮޅުން ނުވަ މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ނ. އަދި ރ. އަތޮޅާއި ބ. އަތޮޅުން ދެ މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މާލެ އަތޮޅުގެ ރިސޯޓުތަކުން މި މުއްދަތުގައި އަށް މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ގްރީން ފަންޑުން ޑިސެމްބަރު މަހު 43 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ބޮޑަށް ހޭދަ ކޮށްފައި ވަނީ ނަރުދަމާގެ މަސައްކަތް ތަކަށެވެ. މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގެ ބެލެންސުގައި ހުރީ 809 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު މި ފަންޑަށް 376 މިލިއަން ރުފިޔާ ލިބުނުއިރު، 349 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަ ކުރާ މީހުންގެ އަތުން ދުވާލަކު ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ދުވާލަކު ތިން ޑޮލަރެވެ