ޑރ. މުހައްމަދު މުއިއްޒު

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް ތަސްދީގު ކުރައްވައިފި

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ މިދިޔަ އޮގަަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ.

މި ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އެކަށީގެންވާ ގޮތެއްގައި ރާއްޖޭގެ ބިން ތަރައްގީކޮށް ބެލެހެއްޓޭނެ ފަދައަކުން، ބިނާވެށި ޕްލޭންކުރުމަށް މަގުފަހިކުރުން ހިމެނެ އެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ތަރައްގީކުރުމަށް މަގުފަހިވާނެ ގޮތަކަށް ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތައް ކަނޑައެޅުންވެސް ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައިވެ އެވެ.

ގާނޫނުގައިވާ ގޮތުން ބިނާވެށި ޕްލޭންކުރުމާއި ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

މި ގާނޫނުގެ ދަށުން ބިނާވެށި ޕްލޭންތައް އެކުލަވައިލައި އެ ޕްލޭންތައް ފާސްވުމަށްފަހު އެ ޕްލޭންތައް ތަންފީޒުކުރަމުންދާ ގޮތް ބެލުމާއި، ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ބިން ތަރައްގީކުރުމުގެ ހުއްދަތައް ދިނުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އިދާރާތަކެއްވެސް ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ.

މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އިދާރާތައް

  • މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
  • ސިޓީ ކައުންސިލް
  • ރަށު ކައުންސިލް
  • އާބަން ސަރަހައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް
  • ސިނާއީ ސަރަހައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް
  • އިގްތިސާދީ ހާއްސަ ސަރަހައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް

ރާއްޖޭގައި އެއްވެސް ބިމެއް ތަރައްގީކުރެވޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބިން ތަރައްގީކުރުމުގެ ހުއްދަ ހޯދުމަށްފަހުގައިކަމާއި، މި ގާނޫނުގެ ދަށުން ދޫކުރާ ބިން ތަރައްގީކުރުމުގެ ހުއްދައާއި އެ ހުއްދައިގައި ކަނޑައަޅާފައިވާ ޝަރުތުތަކާއި މުއްދަތުތަކާ އެއްގޮތަށް އަދި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ތަރައްގީކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ހުއްދަ ދޫކުރެވުނު ފަރާތުން އަމަލުކުރަންވާނެ ކަމަށްވެސް ގާނޫނުގައިވެ އެވެ.

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ހަމަސް ތެރޭގައި ހަދައި، ގެޒެޓް ކުރުމަށްވެސް ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. އެހެންވެ މި ގާނޫނަށް އަމަލުކުރަން ފަށާނީވެސް މިއަދުން ފެށިގެން ހަމަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.