ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު އަދި ރައީސް މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ އެވެ.
މިއިސްލާހު މަޖިލީހުން ފާސްކުރީ މިމަހުގެ ދެވަނަ ދުވަހު އޮތް ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހު ފާސްކުރުމަށް ނެގި ވޯޓުގައި އެމްޑީޕީގެ މެންބަރުން ބައިވެރިނުވެ އެވެ.
މިއިސްލާހުގެ މަގުސަދަކީ ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާ ގުޅޭ އެނޫން ވެސް ހައްގުތަކާ ގުޅޭ ކަންކަން އިތުރަށް ތަފްސީލް ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާ އާއި، ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭ ގޮތުން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ ނުވަތަ ބޭނުންކުރެވޭނެ އިތުރު ހާލަތްތައް ކަނޑައެޅުމާއި، ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމާއި، ކޮޕީރައިޓާ ގުޅޭ ހައްގުތައް ކަށަވަރުކުރުމުގައާއި އެނޫން ވެސް ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަށްޓަކައި، ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށެވެ.
މިއިސްލާހަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ ސަރަހައްދުގައި އުފައްދާ އަދަބީ އަދި ފަންނާނީ އުފެއްދުންތަކާއި، ޕާފޯމަންސްތަކާއި އަޑުގެ ރިކޯޑިންތަކާއި، ބްރޯޑްކާސްޓްތައް ހިމާޔަތްކުރެވޭނެ ކަމަށް މިއިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތްކުރެވޭނީ، އެ އުފެއްދުމެއް ހުށަހަޅައިދޭ ގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގުސަދަށް ބަލައިގެން ނޫން ކަމަށާއި، މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތްކުރެވޭނީ އެ އުފެއްދުމެއް އުފެއްދީތީވެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
މީގެއިތުރުން މި އިސްލާހުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ހައްގަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއިން ހައްގަކަށް އަރައިގަންނަން އެއްވެސް ފަރާތަކުން އުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ އެ ހައްގު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކަމާބެހޭ ކޯޓެއްގައި ދައުވާކުރުމުގެ ހައްގު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިގެންވާ ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ތިންމަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.