ރާ އްޖޭގެ އެންމެ މަދުން މީހުން ދިރިއުޅޭ ވ. އަތޮޅުގެ އެއްވެސް ރަށެއްގެ އެއްވެސް ރައްޔިތަކު އެހެން ރަށަކަށް ހިޖުރަކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އާބާދީ ވ. އަތޮޅުގައި އާބާދީ މަދު ރަށްތަކެއް ހިމެނޭތީ އެ އަތޮޅުގެ ރައްޔިތުން އާބާދީ ބޮޑު ރަށަކަށް ހިޖުރަކުރުމާ މެދު ދެކެނީ ކިހިނެއްތޯ "އަވަސް" އިން ސުވާލު ކުރުމުން ވ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ސުޖާއު ވިދާޅުވީ އެއްވެސް އިރެއްގައި ވ. އަތޮޅުގެ ރައްޔިތުން އެހެން އެއްވެސް ރަށަކަށް ބަދަލުވުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.
ސުޖާއު ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ރަނގަޅާއި ނުބައި އޮންނާނެ ކަމަށާއި ހިޖުރުކުރުމުގައިވެސް އޮތީ އެފަދަ ގޮތެއް ކަމަށެވެ. ވ. އަތޮޅުގެ އާބާދީ ކުޑަވުމުން ބައެއް ކަންކަމުގައި ދަތިތައް ހުރި ނަމަވެސް ވ. އަތޮޅަކީ އިގްތިސާދީ ގޮތުން ކުރިއެރުވޭނެ ވަސީލަތްތަކެއް ހުރި އަތޮޅެއް ކަމަށްވާތީ އެ އަތޮޅަށް ވ. އަތޮޅަށް އޮތް ފައިދާއެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އަބާދީ މަދުވުމަކީ އާންމު ހިދުމަތްތައް ދިނުމަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާ ކަމެއް. އަތޮޅުގެ ގިނަ ރަށްރަށުގައި އަސާސީ ހިދުމަތްތަައް އެކަށީގެންވާ ގޮތެއްގައި ނުލިބޭ. ހިދުމަތަށް ބަލާއިރު ބައެއް ރަށް ރަށުގެ އިމާރާތުގެ ބޭރުގައި ހުންނަނީ ހަމަ އެކަނި ނަން ބޯޑެއް ޖަހާލާފައި،" ސުޖާއު ވިދާޅުވި އެވެ.
ވ. އަތޮޅު ކައުންސިލުން ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު އެ އަތޮޅުގައި އާބާދީ އެންމެ ބޮޑު ރަށް ކަމަށްވާ ކެޔޮދޫގެ އާބާދީގައި ހިމެނެނީ 900 އެއްހާ މީހުންނެވެ. އަދި އެންމެ މަދުން މީހުން ދިރިއުޅޭ ރަކީދޫގައި ދިރިއުޅެނީ 70 އެއްހާ މީހުންނެވެ. އަދި މުޅި އަތޮޅުގެ ޖުމުލަ އާބާދީގެ ހިމެނެނީ 2،900 އެއްހާ މީހުންނެވެ.
ސުޖާއު ވިދާޅުވީ ވ. އަތޮޅުގެ ރަށްތަކުގައި މަދު ބަޔަކު ދިރުއުޅޭތީ ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި ސިއްހީ މަރުކަޒުތަކުގައި ރަނގަޅު ހިދުމަތެއް ދެވެން ނެތުމާއި ރަށްރަށުގެ ސްކޫލު ތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު މަދުވުމުގެ ސަބަބުން ރަނގަޅު ފެންވަރުގެ ތައުލީމެއްވެސް ރަށްރަށުގައި ފޯރުކޮށްދެވެމުން ނުދާ ކަމަށް ވިދާޅުވި އެވެ.
"މި އަތޮޅުގައި މަދު ދަރިވަރުންތަކަކާ އެކު ގުރޭޑް 12 އަށް ކިޔަވައިދެނީވެސް ހަމައެކަނި ކެޔޮދޫގައި،" ސުޖާއު ވިދާޅުވި އެވެ.
ވ. ރަކީދޫ ސްކޫލުގައި ތިން ކުދިން އަދި ވ. ތިނަދޫ ސުކޫލުގައި ކިޔަވަން ހުރީ އެންމެ ކުއްޖެއް ކަމަށްވާތީ މި ދެ ސްކޫލުގައިވެސް ކިޔަވައިދެނީ އޮންލައިންކޮށް ސެޓެލައިޓް ސްކޫލެއްގެ ގޮތުގައެވެ.
ސުޖާއު ވިދާޅުވީ ރައްޔިތުންނަަށް ރަނގަޅު ހިދުމަތެއް ދިނުމަށްޓަކައި ވ. އަތޮޅުގެ ހުރިހާ ރަށަކަށްވެސް ކައުންސިލް އިދާރާތަކަށް މުޅިން އާ އޮފީސް އިމާރާތްތައް ބޭނުންވާ ކަމަށެވެ. ވ. އަތޮޅު ކައުންސިލަށް އާ އިމާރާތެއް އަޅަމުންދާ ކަމަށް ފާހަގަކުރައްވަމުން ސުޖާއު ވިދާޅުވީ އެ އަތޮޅު ކައުންސިލުން މިވަގުތު ކައުންސިލް އިދާރާގެ ގޮތުގައި ބޭނުންކުރަނީ 1992 ވަނަ އަހަރު އަޅާފައި ހުރި ވަރަށް ބާ އިމާރާތެއްގައި ކަމަށެވެ.
ވ. އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށް އޮތް އިރު ބައެއް ރަށްރަށުގައި ފެނާއި، ކަރަންޓާއި، ނަރުދަމާ ނިޒާމުގެ ހިދުމަތް ލިބުނު ނަމަވެސް އެ ހިދުމަތް ނުދެވޭ ރަށްރަށުގެ ރައްޔިތުން ވަރަށް ގިނަ ތަކްލީފްތައް އުފުލަމުންދާ ކަމަށްވެސް ސުޖާއު ވިދާޅުވި އެވެ. އަދި ބައެއް ރަށްރަށުގައި ބަނދަރު ނެތުމުގެ ސަބަބުންނާއި ބަނދަރުތައް އަލުން ހަދަންޖެހިފައިވާތީ ރަށްރަށަށް އަރާފޭބުމަށް ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހޭ ކަމަަށްވެސް ވިދާޅުވި އެވެ.
"ވ. އަތޮޅުގެ ބައެއް ރަށްތަކުގައި ކުނި މެނޭޖުކުރުމަކީވެސް ވަރަށް ދަތިކޮށް އޮންނަ ކަމެއް. މިހާރުން މިހާރަށްވެސް ހައްލު ބޭނުންވާ ކަމެއް އެއީ،" ސުޖާއު ވިދާޅުވި އެވެ.
ސުޖާއު އިތުރަށް ވިދާޅުވީ ވ. އަތޮޅަކީ އާބާދީ ކުޑަ އަތޮޅެއް ނަމަވެސް ފަސް ރަށެއްގައި މިހާރުވެސް ރިސޯޓް ހިންގަމުންދާ ކަމަށެވެ. އަދި އިތުރު ތިން ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެއް ރަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާއިރު ހިމާޔަތް ކުރެވިފައިވާ ސަރަހައްދުގެ ގޮތުގައިވެސް ބައެއް ރަށްރަށް ހުރި ކަމަށާއި ނަމަވެސް މި ރަށްރަށުން އަތޮޅަށް މާބޮޑު ފައިދާއެއް ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ވ. އަތޮޅުގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފައި މިވަނީ ހދ. ހިރިމަރަދޫ އާއި މ. ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދިފައި ވަނިކޮށެވެ.