ޑރ. މުހައްމަދު މުއިއްޒު

ހިޖުރަކުރަން މަޖުބޫރެއް ނުކުރާނަން: މުއިއްޒު

ރައްޔިތުން ބޭނުންނުވާނަމަ މަޖުބޫރުކޮށްގެން އެއްފަސްކުރުމުގެ ސިޔާސާތު ތަންފީޒު ނުކުރާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އާދާބީ އެންމެ ކުޑަ އެއްރަށް ކަމަށްވާ ވ. ތިނަދޫއަށް ކެމްޕޭންގައި ވަޑައިގެން މުއިއްޒު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގައި ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރައްވާނެ ކަމަށެވެ.

ރައްޔިތުން އެދޭނަމަ އެއްރަށުން އަނެއް ރަށަށް އާބާދީ އެއްފަސްކުރުމަށް އިޖާބަ ދޭނެ ކަމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ބޮޑު އާބާދީއެއް އޮތުމުން ގިނަ ފައިދާތަކެއް ލިބޭކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް އެއީ ރައްޔިތުން ބޭނުންނުވާ ކަމެއްނަމަ މަޖުބޫރުކޮށްގެން ސަރުކާރުން އެކަން ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން ކޮންމެ ރައްޔިތެއްވެސް ބަލައިގަންނަންޖެހޭނީ ހަމަހަމަކަމާއެކު ކަމަށާއި ހިދުމަތް ދިނުމުގައި ތަފާތުކުރެވިގެން ނުވާނެ ކަމަށެވެ.

އެ ރައްޔިތުން ދިރިއުޅެނީ އާބާދީގެ ގޮތުން ވަރަށް ކުޑަ ރަށެއްގައި ނުވަތަ ތޮއްޖެހިފައި އޮތް ރަށެއްގައި ނަމަވެސް ރައްޔިތުން ބޭނުންވާ ގޮތަށް ފުރުސަތު ހޯދައިދިނުމަކީ އަދުލުވެރި އިންސާފުވެރި ވެރިކަމެއްގައި ކަންކުރާނެ ގޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.