ވ. ތިނަދޫ

ވ. ތިނަދޫގެ އާ އިންޖީނުގެ ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ވ. ތިނަދޫގެ އާ އިންޖީނުގެ މިއަދު ރަސްމީކޮށް ހުޅުއްވާދެއްވައިފި އެވެ.

ތިނަދޫ އައު އިންޖީނުގެއަކީ އެރަށުގައި ކުރިން ކަރަންޓުގެ ހިދުމަތްދެމުންގެންދިޔަ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން ދުމާއި، އަޑުގެ ސަބަބުން އާންމުންނަށާއި ފަތުުރުވެރިކަމުގައި ހަރަކާތްތެރިވާ މީހުންނަށް ދިމާވަމުން ދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެޅި އިންޖީނުގެއެކެވެ.

ތިނަދޫ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާ އެކު، ސްޓްލްކޯ އިން ހަވާލުވި ފުރަތަމަ އިންޖީނު ގެއެވެ.

ސްޓެލްކޯ އިން ތިނަދޫގެ ކަރަންޓްގެ ކަންތައްތަކާ ހަވާލުވިއިރު ހުރީ ވަރަށް ކުޑަ، އެންމެ ޖަނަރޭޓަރެކެވެ. ނަމަވެސް މިއަދު ރަސްމީކޮށް އަލަށް ހުޅުވުނު އިންޖީނުގެ ހުޅުވުމާއި ހަމައަށްވެސް، ބާ އިންޖީނުގޭގައި އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާ އެއްގޮތަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް އެ ރަށަށް ފޯރުކޮށްދީފައިވާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ތިނަދޫ ބާ އިންޖީނުގެއަކީ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ހުރި ތަނަކަށްވުމުން، އާ އިންޖީނުގެއެއް އެޅުމަށް ނިންމާ، އެ އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ ސެޕްޓެމްބަރު 24، 2020 ގައެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ތިނަދޫއަށް ވަޑައިގެން އެރަށު ބާ އިންޖީނުގެއިން ރައްޔިތުންނަށް ވަމުންދިޔަ އުނދަގޫތަކުން ސަލާމަތްކޮށްދެއްވާނެ ކަމަށް ވައުދުވެފަ އެވެ. ވައުދާ އެއްގޮތަށް ރައީސް ސޯލިހް މިއަދު ތިނަދޫގައި ރަސްމީކޮށް، ހުޅުއްވައިދެއްވު އިންޖީނުގެއަކީ އެންމެ ޒަމާނީ، އަޑުމަޑު އިންޖީނުގެ އެކެވެ.

ތިނަދޫގެ އާ އިންޖީނުގެއަކީ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އަދި އަދި ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޖަނަރޭޓަރު ސެޓް ބެހެއްޓޭ ގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެކެވެ. މީގެ އިތުރުން ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، އިޔާދަ ކުރަނިވި ހަކަތައަށް އިސްކަންދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫގެ އާ އިންޖީނުގޭގެ ފުރާޅުގައިވެސް 30 ކިލޯވޮޓްގެ ސޯލާ ޕެނަލް ހަރުކޮށްފައިވެ އެވެ.