ސްޓެލްކޯ އިން ޓެކްނޮލަޖީގައި ކުރިއެރުން ހޯދާނީ ސްމާޓް މީޓަރު ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުން ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.
މުޣުނީ މިހެން ވިދާޅުވީ އައު އަހަރުގެ ފެށުމުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގަ އެވެ.
އޭނާ ވިދާޅުވީ އެއްފުރާޅެއްގެ ދަށުން ކަރަންޓާއެކު ފެނާއި ނަރުދަމާ އަދި އެހެނިހެން ޔުޓި ލިޓީ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ވައުދެއް ކަމަށެވެ. އެ މަސައްކަތް ކާމިޔާބުކަމާއެކު ކުރުމުގައި ސްޓެލްކޯއިން ވަރަށް ހިތްވަރާއެކު ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
މިވަގުތު އެ ކުންފުނިން ކަރަންޓްގެ ހިދުމަތްދޭ ރައްތަކުގެ ތެރެއިން އަށް ރަށެއްގައި ޔުޓިލިޓީ ބައެއް ހިދުމަތްތައް ވެސް ދެމުން ގެންދާ ކަން ފާހަގަކުރައްވަމުން ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގައި އިތުރު ބައެއް ހިދުމަތްކާއި ހަވާލުވާނެ ކަމަށެވެ.
"ސްޓެލްކޯ ގްރީން ލައިފް އިނީޝިއޭޓިވްސް އަކީ ރައީސުލް ޖުމްހޫރިއްޔާ 2019 ވަނައަހަރު އިފްތިތާޙް ކޮށްދެއްވާފައިވާ އުއްމީދީ އަދި ގައުމީ ފެންވަރުގެ މުހިންމު މަޝްރޫއެއް. މިއީ ނަތީޖާ ހާސިލް ކުރަނިވި ކަންކަމުގެ މައްޗަށް އެކުލަވާލެވިގެން ފެށިފައިވާ މަސައްކަތެއް. މި މަސަސައްކަތުގެ މައްޗަށް ބަލާލާނަމަ އަދި ކުރެވިފައިވަނީ ކުޑަމަސައްކަތެއްކަން ފާހަކަ ކުރަން. އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގެ މާހައުލަށް ފެތޭގޮތަށް ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ފްލޯޓިންގ ސޯލާ ޕޮޑް" ތައާރަފްކުރުމަކީ އިންގިލާބީ ބަދަލަކަށްވާނެ ޕްރޮޑަކްޓެއް." މުޣުނީ ވިދާޅުވި އެވެ.
ސްޓެލްކޯގެ ގްރީންލައިފް އިނިޝިއޭޓިވް ދަށުން ކަސްޓަމަރުންނަށް ފަސޭހައިން ސޯލާޕެނަލްސް ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށާއި ނަމަވެސް ސޯލާއަކީ ހަކަތަ އުފެއްދުމަށް ކަސްޓަމަރުން ބޭނުންކުރާ ހިތްވާ އެއްޗަކަށް ހަދާ، އެ ވަސީލަތުން ހަކަތައް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މުޣުނީ ވިދާޅުވި އެވެ.
މިދިޔަ އަހަރު ސްޓެލްކޯއިން ރާއްޖޭގައި މުޅިން އަލަށް ޖަނަރޭޓަރު އެސެމްބަލްކޮށް، އަމިއްލަ ބްރޭންޑް ސްޓެވޯ ތައާރަފްކޮށް އެ ވިޔަފާރި ފަށާއިފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެއީ ބޮޑު ކާމިޔާބެއް ކަމަށެވެ. ނަމަވެސް އަދިވެސް ބައިވަރު މަސައްކަތައް ކުރަން ހުރި ކަމަށް ވިދާޅުވި އެވެ.
"އަޅުގަޑުމެންގެ އަޑު ފަނޑުވުމެއްނެތް ހިދުމަތެއްގެ ގޮތުގައި ދެމިއޮންނާނީ އަޅުގަނޑުމެން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން. ޒަމާނަށް އަންނަ ޓެކްނޮލޮޖީ ޔަގީންކުރަނީ ލުއި ފަސޭހައާއި އިތުބާރު. އަޅުގަޑުމެން މިކަމުގައި ކުރިއެރުން ހޯދާނީ ސްމާޓް މީޓަރިން ޓެކްނޮލޮޖީ ސްޓެލްކޯ ކަސްޓަމަރުންނާ ހަމައަށް ގެންގޮސްގެން." މުޣުނީ ވިދާޅުވި އެވެ.