ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރަޝީދުގެ ތައުޒިޔާގެ ފޮތުގައި ރައީސް ސޮއި ކުރައްވައިފި

Feb 8, 2022

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ކުރީގެ ޗެއާމަން އަލްމަރްޙޫމް މުހައްމަދު ރަޝީދުގެ ހަނދާނުގައި ސްޓެލްކޯގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސޮއިކުރައްވައިފި އެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ މުހައްމަދު ރަޝީދަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރެއްވުމުގައި ދިގު މުއްދަތެއްގައި އިހްލާސްތެރި އަގުހުރި މަސައްކަތްތަކެއް ކުރެއްވި އަދި މާލޭގެ ކަރަންޓުގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ޚިދުމަތްތެރިއެއްކަން ފާހަގަކުރައްވާފަ އެވެ.

ޚިދުމަތުގެ ދާއިރާގައި މަރްޙޫމް މުޙައްމަދު ރަޝީދު ފާހަގަކުރެވެނީ ކަމަށް ކަމޭހިތްތަވައި ފަރުވާތެރިކަމާއެކު ޚިދުމަތުގައި ދެމިހުންނެވި އިންޖިނޭރެއްގެ ގޮތުގައިކަމަށާއި މުޙައްމަދު ރަޝީދު ވަކިވެވަޑައިގެންނެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުމުގެ ރިވެތި ނަމޫނާއެއް ދައްކަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ރަޝީދަށް ހެޔޮ ދުއާ ދަންނަވައި، ރަޝީދުގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައިވެ އެވެ.

މުހައްމަދު ރަޝީދު ވަނީ ސްޓެލްކޯގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފަ އެވެ.

މާލޭ އިންޖީނުގެ ގޭގެ އެންމެ އާދައިގެ ވަޒީފާއަކުން ހިދުމަތާ ގުޅިވަޑައިގެންނެވުމަށް ފަހު ސްޓެލްކޯގެ އެކި މަގާމުތަކުގައި ހިދުމަތްކުރައްވައި އެންމެ ފަހުން ހުންނެވީ ސްޓެލްކޯގެ ޗެއާމަންގެ މަގާމުގަ އެވެ.

ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މުހައްމަދު ރަޝީދު އަވަހާރަވީ މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.