ސްޓެލްކޯ އިން މާލޭގައި ހިންގާ އިންޖީނުތަކުން އަރާ ދުމުގެ ސަބަބުން ސިއްހީ ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން ބައެއް ފަރާތްތަކުން މަހްރޫމުވެފައިވާތީ އެ މައްސަލަ ވަގުތު ހައްލުކުރުމަށް އެ ކުންފުންޏަށް އެންގުމަށް އެޗްއާރްސީއެމުން ނިންމައިފި އެވެ.
އެޗްއާރްސީއެމުން އެގޮތަށް ނިންމީ ގ. ފެހިރިހީގައި ދިރިއުޅޭ ބަޔަކު އެޗްއާރްސީއެމަށް ހުށަހެޅި މައްސަލައެއް ކޮމިޝަނުން ބެލުމަށްފަހު އެެވެ.
އެޗްއާރްސީއެމް އަށް މި މައްސަލަ ހުށަހަޅާފައިވަނީ މިއަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު އެވެ.
ކޮމިޝަނަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މާލޭގައި ހުންނަ ސްޓެލްކޯގެ ކޮށީގައި ބަހައްޓާފައިވާ އިންޖީނުތަކުން ގިނަ އަދަދަކަށް ކަޅުދުން އެރުމާއި ދުވާ ތެޔޮ ވަހުގެ ސަބަބުން ގޭގައި އުޅޭ މީހުންނަށް ވަރަށް ބޮޑަށް އުދަގޫވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ގޭގައި ދިރިއުޅޭ މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވުމާއި، އިންޖީނުގެ އަޑުގަދަވުމުގެ ސަބަބުން އެޕާޓްމަންޓް ތަކުގެ ދޮރުހުޅުވައިގެން ގޭގައި ތިބުމަށް ދަތިވެފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން އިންޖީނުގެތަކުގެ އަޑުގަދަވުމުން ގޭގައި ދިރިއުޅޭ ކިޔަވާ ކުދިންނަށް އޮންލައިންކޮށް ކިޔަވަން ދަތިވެ، ތައުލީމުގެ ލިބުމުގެ ހައްގަށް ހުރަސް އެޅިފައިވާ ކަމަށްވެސް މައްސަލަގައި ބުނެފައިވެ އެވެ. އަދި ގޭގައި ދިރިއުޅޭ މީހުންނަށް ސްޓްރެސްގެ މައްސަލަތައް ދިމާވެ ލޭގެ ޕްރެޝަރު އިތުރުވާ ކަމާއި ނިދަން ދަތިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.
މައްސަލަ ބެލުމަށްފަހު އެޗްއާރްސީއެމުން ވަނީ ސްޓެލްކޯގެ އިންޖީނުތައް ބަހައްޓާފައި ހުންނަ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީގޮތުން ގޮތުން އެކަށީގެންވާ މާހައުލެއް އެ ސަރަހައްދުގައި ނެތް ކަމަށް ނިންމާފަ އެވެ. އަދި އެއީ އެ ރައްޔިތުންނަށް ލިބިގެންވާ އިންސާނީ އަދި އިޖުތިމާއީ ހައްގަކުން މަހްރޫމްވުން ކަމަށްވެސް ސިފަކޮށްފައިވެ އެވެ.
މިމައްސަލަ ބަލަމުން ދިޔައިރު އެޗްއާރްސީއެމްގެ ޓީމެއް ވަނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު ގ. ފެހިރިހިގެ އާއި ގ. ރަސްރޯނުގެއަށް ޒިޔާރަތްކޮށް އެ ސަރަހައްދުގެ ހާލަތު ވަޒަންކޮށްފަ އެވެ. ކޮމިޝަންގެ ޓީމުން ކުރި ޒިޔާރާތުގައި ސްޓެލްކޯގެ ސަރަހައްދުގައި ރައްޔިތުން ދިރިއުޅެނީ ސިއްހީ ގޮތުން ރައްކާތެރި ސަރަހައްދެއްގައި ނޫން ކަމަށް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މައްސަލަ ވަގުތުން ހައްލުކޮށް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސްޓެލްކޯ އަށް އެންގުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އެޗްއާރްސީއެމްގެ ނިންމުމުގައި ވަނީ ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ދެވިދާނެ ކަމަށްވެސް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅި ފަރާތަށް އަންގާފަ އެވެ.
ސްޓެލްކޯގެ މިމައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް ނަސީމު ވަނީ މައްސަލަ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ.