އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މަޖިލިސް މެންބަރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގައި ތިބޭތާ ފަސްގަޑިއިރު ވީއިރުވެސް އެކޮމިޝަންގެ މެންބަރަކު ބައްދަލުނުކުރެއްވި އެވެ.
އެޗްއާރްސީއެމްގެ މެންބަރުންނާ ބައްދަލުކުރުމަށް ޕީޕީއެމް އާއި ޕީއެންސީގެ މަޖިލިސް މެންބަރުން އެޗްއާރްސީއެމް އަށް ވަޑައިގަތީ މިއަދު މެންދުރު 12:45 ހާއިރު އެވެ.
އެޗްއާރްސީއެމްއަށް ވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ހިމެނެނީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި، ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ.
އިދިކޮޅުން މެންބަރުން އެޗްއާރްސީއެމް ތެރޭގައި ތިއްބަވަނިކޮށް ޕީޕީއެމް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ މެންބަރުން އެތާ ތިއްބަވާތާ ފަސްގަޑިއިރު ވީއިރުވެސް އެޗްއާރްސީއެމްގެ މެންބަރަކު އެބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަގުތުކޮޅެއް ނުދެއްވި ކަމަށެވެ. އަދި ފުލުހުން އެތަނަށް ގޮސް އެޗްއާރްސީއެމްގެ ދޮރުމަތި ބަންދުކުރިކަންވެސް ފާހަގަކޮށްފައިވެ އެވެ.
"އެތަނުގައި ތިއްބެވި [އިދިކޮޅު] މެންބަރުން ފާހާނާ ބޭނުންކުރުމުގެ އެކްސަސްއެއް ވެސް ކޮމިޝަނަކުން ނުދިން. އަދި ފެން ފޮދަކަށް އެދުމުން ފެން ފުޅިއެއްވެސް ނުދިން. އެޗްއާރްސީއެމް އިން މިވަނީ އަސާސީ އިންސާނީ ހައްގުތަކަށްވެސް އަރައިގެންފައި،" ޕީޕީއެމްގެ މެސެޖުގައި ބުނެފައިވެ އެވެ.
އިދިކޮޅު މަޖިލިސް މެންބަރުން މިއަދު އެޗްއާރްސީއެމް އަށް ވަޑައިގަތީ ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލު ބަންދުގައި ބަހައްޓައިގެން އެމަނިކުފާނުގެ ހައްގުތަކަށް މިސަރުކާރުން އަރައިގަނެ އަނިޔާކުރާ ކަމަށް ބުނެ އެވެ.
ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރުމާ އެކު އިދިކޮޅު ކޯލިޝަންގެ އިސްވެރިން ގެންދަވަނީ ދައުލަތުގެ އެކި އިދާރާތަކަށް ހާޒިރުވެ ކަންބޮޑުވުންތައް އެ އިދާރާތަކާ ހިއްސާކުރަމުންނެވެ. އިދިކޮޅު ކޯލިޝަންގެ އިސްވެރިން އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށްވެސް ވަޑައިގެންފަ އެވެ. ނަމަވެސް ރައީސް ސޯލިހް އެބޭފުޅުންނާ ބައްދަލުކުރައްވާފައެއް ނުވެ އެވެ.