އައްބާސް ފާއިޒް

އިންސާނީ ހައްގުތަކުގައި ރާއްޖެ ހޯދި ކުރިއެރުމަށް ފާއިޒުގެ ތައުރީފް

ރާއްޖެއިން އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރައްވާ އައްބާސް ފާއިޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން އައްބާސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މީގެ 20 އަހަރު ކުރިން -- 2003 ގައި އެމްނެސްޓީ އިންޓަނޭޝަނަލްގެ ފަރާތުން ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތާ ގުޅޭގޮތުން ހާއްސަ ރިޕޯޓެއް ނެރެފައިވާނެ ކަމަށެވެ.

އައްބާސް ވިދާޅުވީ އެ ރިޕޯޓަށް ފަހު މިދިޔަ 20 އަހަރުގެ ތެރޭގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ރާއްޖޭގެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. ރާއްޖެއިން ހޯދާފައިވާ މި ކުރިއެރުންތައް ދެމެެހެއްޓުމަށްވެސް ރަނގަޅު މަސައްކަތްތަކެއް ރާއްޖެއިން ކުރަމުންދާ ކަމަށްވެސް ފާހަގަކުރައްވާފައިވެ އެވެ.

"މިކަންކަން ކައިރިން ފެނުނު މީހެއްގެ ހައިސިއްޔަތުން ފަހުރުވެރިވަން،" އައްބާސް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީއާ ހާއްސަ ގުޅުންތަކެއް އަބަދުވެސް އޮންނަ އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ މާހިރެކެވެ. އަދި އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެކެވެ. އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ގާނޫނީ އިލްމުގެ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6، 2021 ގައި ދިން ބޮމުގެ ހަމަލާގެ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައިވެސް ހުންނެވީ އައްބާސް ފާއިޒު އެވެ.