ފޮރިން މިނިސްޓްރީ

ބެލްޖިއަމްގައި އޮތް އިންވެސްޓްމަންޓް ފޯރަމެއްގައި ރާއްޖެ ބައިވެރިވެއްޖެ

ޔޫރަޕް އެފްރިކާ އިންވެސްޓްމަންޓް ފޯރަމްގެ 14 ވަނަ އެޑިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ބޭއްވި މި ފޯރަމްގައި ރާއްޖެ ތަމްސީލް ކުރީ އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީ އިންނެވެ.

ކްރެޑެސާނޯޑްސުޑް އެންޖީއޯ އިން އިންތިޒާމްކޮށްގެން ބޭއްވި މި ފޯރަމަކީ ޔޯރަޕާއި އެފްރިކާގެ ގައުމުތަކުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށް ބޭއްވި ފޯރަމެކެވެ. އަދި އިގުތިސާދު ފުޅާކުރުމަށްޓަކައި ވިޔަފާރީގެ މަޝްވަރާ ކުރެވޭ މާހައުލެއް އުފެއްދުމަކީ ވެސް މި ފޯރަމުގެ ބޭނުމެކެވެ.

މިއަހަރުގެ ފޯރަމްގައި އޭޝިއާގެ ގައުމުތަކުން ރާއްޖޭގެ އިތުރުން މިޔަންމާ އާއި ވިއެޓްނާމްވެސް ބައިވެރިވެފައިވެ އެވެ.

މިފޯރަމުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުސަތުތަކާއި ގުޅޭ ގޮތުން ވީޑިއޯ ޕޮރެޒެންޓޭޝަނަކާއި މައުލޫމާތު ކަރުދާސްތަކެއް ހިއްސާ ކޮށްފައިވެ އެވެ.

ފޯރަމްގައި މައުލޫމާތު ދެއްވީ ރާއްޖެއިން ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ އަލީ އެވެ