ސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ސިޔާސީ މަގާމުތަކުގައި ތިއްބެވި 228 ބޭފުޅަކު މަގާމުން ވަކިކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް މަގާމުން ވަކިކުރަން ނިންމެވީ އިގްތިސާދު އިސްލާހު ކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވަކިކުރަން ނިންމަވާފައިވާ ބޭފުޅުން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ވަކިކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މަގާމުން ވަކިކުރަން ނިންމަވާފައިވާ 228 ބޭފުޅުން ވަކިކުރަން ނިންމަވާފައިވާ ގޮތުގެ ތަފްސީލްތަކެއްވެސް ރައީސް ވަނީ ހިއްސާކުރައްވާފަ އެެވެ.
އެގޮތުން ވަކިކުރަން ނިންމަވާފައިވަނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ހުރިހާ ބޭފުޅުން މަގާމުން ވަކިކުރެއްވުމުން 5.714 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކުވެސް ސަލާމަތް ކުރެވެ އެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ސަރުކާރަށް ފާޑު ވިދާޅުވާ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އުޅެނީ 2،000 އަށް ވުރެ މަތީގައެވެ.
ފާޑުވިދާޅުވާ ބޭފުޅުންގެ ވާހަކަތައް ސަރުކާރުން ދޮގު ކުރަމުން ދިޔަ ނަމަވެސް ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު މިއަދާ ހަމައަށްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.