އަ ވަށްޓެރި އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަރުދަނާ ބަދަހި ގުޅުމެއް އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އިންޑިއާއަށް ވުރެ އެ ގުޅުމުގެ ސަބަބުން ލިބޭ ފައިދާ ދިވެހިންނަށް ބޮޑުވާނެތީ އެވެ.
އިންޑިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީ އެވެ. އިންޑިއާ އަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ވަރުގަދަ އަސްކަރީ ބާރެވެ. އިންޑިއާ އަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ ވަރުގަދަ އިގްތިސޯދެވެ.
އައިއެމްއެފްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. ޖީތާ ގޮޕީނަތު ވިދާޅުވާ ގޮތުން 2027 ވަނަ އަހަރު ދުނިޔޭގެ ތިންވަނަ އަށް އެންމެ ވަރުގަދަ އިގްތިސޯދަށް އިންޑިޔާވުމަކީ ކައިރިކަމެކެވެ.
ހަގީގަތްތަކެއް މިގޮތަށް ހުރިއިރު އަޅުގަޑުމެންނާ އެންމެ 600 މޭލު ދުރުގައި އޮތް ވަރުގަދަ އަދި ގަދަފަދަ އިންޑިއާއާއި އިދިކީލި ގުޅުމެއް ރާއްޖެއިން ގެންޅެންވީ ސަބަބެއް ނުވިސްނެ އެވެ.
މި ފަހުގެ ތާރީހަށް ބަލާއިރު ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އިންޑިއާގެ އެހީތެރިކަމާއި މަދަދު ލިބެ އެވެ. އަދި ވަކީން ހާއްސަކޮށް އެފަދަ ހައްސާސް ވަގުތުގައި އެންމެ ފުރަތަމަ ދިއްކޮށްލެވޭ އެހީގެ އަތަކީ އަބަދުވެސް އިންޑިއާ ކަމުގައި ވުމަކީ އިއްތިފާގެއް ނޫނެވެ.
އެގޮތުން މިފަހުގެ ތާރީހްގައި ދިވެހިންނަށް އައި އެންމެ ކަޅު ދުވަހަކީ ނޮވެމްބަރު 3، 1988 އެކެވެ. ދިވެހިންގެ ބަޔަކު އަޑީގައި ތިބެ ތަމަޅަ ކުލީ ސިފައިންގެ ބަޔަކާއި އެކު އައިސް ރާއްޖޭގެ އޮތް ގާނޫނީ ވެރިކަން ވައްޓާލަން ކުރެވުނު މަސައްކަތް ހިނގި ދުވަހެވެ. އެ ދުވަހަކީ މައުސޫމް އެތަކެއް ދިވެހި ދަރިންގެ ލޭ މި ލޮބުވެތި ވަތަންގެ ހައްގުގައި އޮހެރިންގެ ދިޔަ ބިރުވެރި ދުވަހެކެވެ. އެދުވަހުގެ އެބަޣާވާތް ނާކާމިޔާބުކޮށްލާ "ދިވެހިންގެ ރާއްޖެ" ދިވެހިންނަށް އަންބުރާ ހޯދައި ދިނުމުގައި އެންމެ ފުރަތަމަ އެހީ ތެރިކަމެއް ލިބުނު ފަރާތަކީ އިންޑިއާގެ އަސްކަރިއްޔާ އެވެ.
ރާއްޖޭގެ ގައުމީ ފެން ކުންފުނި -- އެމްޑަބްލިއުއެސްސީގައި ޑިސެމްބަރު 24، 2014 ގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މުޅި މާލެ ފެނަށް ޖެހުނެވެ. އެ އުނދަގޫ ދަތި ވަގުތުގައިވެސް އެންމެ ފުރަތަމަ އެހީތެރިކަމެއްގެ އަތެއް ދިއްކޮށްލީ އަވަށްޓެރި އިންޑިޔާއިންނެވެ. ރާއްޖެއިން އެހީތެރިކަމަށް އެދުނުތާ އެންމެ 12 ގަޑިއިރުތެރޭ 375 ޓާނުގެ ފެން ރާއްޖެއަށް ފޮނުވި އެވެ. އަދި އަލިފާނުގައި ހަލާކުވި އިންޖީނުތައް މަރާމާތުކުރުމަށް ޓެކްނިކަލް އެހީތެރިކަން ދޭންވެސް އިންޑިއާ ސަރުކާރު އޮތީ ތައްޔާރަށެވެ.
ޑިސެންބަރު 2019 ގައި ދުނިޔޭގައި އާންމުވި ކޮވިޑްގެ އާލަމީ ވަބާގައި އިންޑިއާގެ އެހީތެރިކަން އަޅުގަނޑުމެންނަށް އިންތިހާއަށް ލިބިގެން ދިޔަ އެވެ. މުޅި ދުނިޔޭގެ ބޯޑަރުތައް ބަންދުވެ، ބަވަނަވެފައިވާ ދުނިޔެ އެއް ގައުމު އަނެއް ގައުމާ އެކަހެރިވެގެން ދިޔައީ މީހުންގެ ހިޔާލަށްވެސް ނާންނަ ފަދަ ގޮތަކަށެވެ.
އެ ދުވަހުވެސް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރު އެދުނު ހުރިހާ ކަމަކަށް އިޖާބަ ދިނެވެ. ސިއްހީ ކަންކަމަށް ބޭނުންވާނެ އަސާސީ ބޭސްތަކާއި އަދި އެވަގުތައް އިންޑިއާ އިން އެހެން ގައުމުތަކަށް ބޭރުކުރުން މަނާކޮށްފައިވާ ބައެއް ބާވަތްތައްވެސް ދިވެހި ސަރުކާރުގެ އެދުމަށް ދިވެހިންނަށް ފޯރުކޮށްދިނެވެ.
ކޮވިޑްގެ ވެކްސިން އިންޑިއާގައި އާންމުކުރިތާ ހަތަރު ވަރަކަށް ދުވަސްތެރޭ ދިވެހިންނަށް ވެކްސިން ފޯރުކޮށްދިނެވެ. އޭރު އެވެކްސިން ހޯދުމަށް ސައުތު އޭޝިއާގެ ބޮޑެތި ގައުމުތަކުން އިންޑިއާގައި އެދެމުން ދިޔަ އެވެ. އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ފޮރުކޮށްދިން ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ލިބުނު އެއް ގައުމަށް ރާއްޖެވި އެވެ.
އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް ފަދަ ގައުމުތަކުގައި އެތައް މޭލައް ދަމާލެވިފައިވާ ކިއު ތަކުގައި މީހުން ޖެހިގެން ވެކްސިން ޖަހަމުން ދިޔައިރު އަޅުގަޑުމެން އެ ވެކްސިން ޖެހީ ފަސޭހަކަމާ އެކު އެވެ. އެއީ މިފަހުން ދިވެހި-އިންޑިޔާ ސަރުކާރު ގުޅިގެން ހިންގި އެންމެ މުހިއްމު އެއް މަސައްކަތެވެ.
ކޮވިޑުން އަރައިގަތުމަށް އިންޑިއާ އިން ދިން އެހީތެރިކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައެއް ނުގަނެވެ އެވެ. އެއީ ވަރަށް ބޮޑު ކަމެކެވެ. އެދުވަހުގެ ހާސްކަމާއި އަނދިރިކަން ތަޖުރިބާ ކުރެވުނު ބަޔަކަށް މިކަމުގެ ހުރި މުހިއްމުކަން މިއަދުވެސް އިހްސާސް ކުރެވޭނެ އެވެ. އިންޑިއާގެ ކޮވިޑް އެހީ އަކީ ދިވެހި އެތައް ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރުމަށް ލިބުނު އަގުބޮޑު ހަދިޔާ އެކެވެ.
ދެން އޮތީ މިއަދު ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަ އެވެ. ދިވެހި އިގްތިސާދު މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއް ގައެވެ. މިހާރު އިގްތިސާދު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރަން ހެޔޮއެދޭ ގައުމުތަކުގެ އެހީތެރިކަން އިންތިހާއަށް ރާއްޖެއަށް ބޭނުންވެ އެވެ. އެހެންނަމަވެސް އަޅުގަޑުމެންގެ ގައުމުން "އާދޭހު"ގެ އެހީއަށް އެދި ގޮވާ އަޑު އެއްވެސް ބަޔަކަށް ނީވެ އެވެ. އެންމެންވެސް ދެނީ "ފެހި" ސިގްނަލެވެ. ފެހި ސިގްނަލައް އަމަލީ ސިފައެއް ނާދެ އެވެ.
އިގްތިސާދީ މި އަޑިވަޅުގަޑުން އަރައިގަތުމަށް މިފަހަރުވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ އިންޑިއާ އިން އެކަނި ކަމަށް ބުނުމަކީ ގޯހެއް ނޫނެވެ. ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕަކަށް އެއްބަސްވެފަ އެވެ. އަދި އިތުރު 365 މިލިއަން ޑޮލަރު އެހީ ދިނުމަށް ވަނީ އެއްބަސްވެފަ އެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ފްރީ ޓްރޭޑް އެއްބަސްވުމެއް ހެދުމަށް މަޝްވަރާ ވަނީ ފެށިފަ އެވެ. ރާއްޖޭގެ އެކި ސަރުކާރުތަކުން ނަގާފައި ހުރި ލޯންތައް ދެއްކުމަށްވެސް ލުއިތަކެއް ވަނީ ދީފަ އެވެ.
އެހެންކަމުން އިންޑިއާގައި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ދރާއްޖެއާ މެދު އޮންނަ ގުޅުމަކަށް ބުރުލެއް ނާރަ އެވެ. އެކަން މި ފެންނަނީ ރާއްޖެއަށް ބޭނުމެއް ޖެހިގެން އަތް ދިއްކޮށްލާއިރު ކޮންމެ ވަގުތެއްގައިވެސް އިންޑިއާ އިން ރާއްގޭ އަތުގައި ހިފަން ތައްޔާރަށް އޮންނަނާތީ އެވެ. އެހެންކަމުން އިންޑިއާ ކަހަލަ ބިޔަ ވަރުގަދަ ގައުމެއްގެ އަވަށްޓެރިއެއްގެ ގޮތުގައި ރާއްޖެ އޮންނައިރު އެގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަކީ ދިވެހިންގެ ތަރައްގީއަށް އަމްދުން ދިވެހިންގެ ސަލާމަތައް ކޮންމެހެން މުހިއްމު ކަމެކެވެ.