ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމަނާ ދަތުރުފުޅުގައި ބެންގަލޫރަށް މިއަދު ވަޑައިގެންފި އެވެ.
ރައީސްގެ މިދަތުރުފުޅުގައި ބެންގަލޫރުގައި ބާއްވާ ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ބެންގަލޫރުގައި އުޅޭ ދިވެހިންނާވެސް ރައީސް ބައްދަލުކުރައްވާނެ އެވެ.
ބިޒްނަސް ފޯރަމްގައި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ރާއްޖޭގައި އިންވެސްޓްކުރަން ހުރި ފުރުސަތުތައް ސީދާ ރައީސް އޮޅުންފިލުއްވައިދެއްވާނެ އެވެ.
ރައީސްގެ އިންޑިއާ ދަތުރުފުޅުގައި އިއްޔެ ވަނީ މުމްބާއީގައި އަދި ހޯމަ ދުވަހު ވަނީ ނިއުދިއްލާގައިވެސް ބިޒްނަސް ފޯރަމެއް ބާއްވާ ރާއްޖޭގައި ހުރި ފުރުސަތުތައް ވިޔަފާރިވެރިންނަށް އޮޅުންފިލުއްވައިދެއްވާފަ އެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނާ ބައްދަލުކުރައްވާ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކޮށްދިނުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
ބެންގަލޫރަކީ ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެވެ.
އިންޑިއާ ދަތުރުފުޅަށްފަހު ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މާދަމޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.