އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވެވި ދައުވަތު މޯދީ ގަބޫލުކުރައްވައިފި އެވެ.
ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ދައުވަތު ދެއްވެވި ކަމަށް ރައީސް މުއިއްޒު އާންމުކޮށް އިއުލާން ކުރެއްވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ފުރަތަމަ ދަތުރުފުޅުގައި މިއަދު މޯދީއާ ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނުގައެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ އެކަން ފާހަގަކުރެއްވުމަށް މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވާ ކަމަށެެވެ.
ރައީސް މުއިއްޒުގެ ދައުވަތާ ގުޅިގެން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މިރޭ ވިދާޅުވީ ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ދެއްވެވި ދައުވަތު އެމަނިކުފާނު ގަބޫލުކުރައްވާފައިވާ ކަމަށެވެ.
ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ދައުވަތު ދެއްވެވި ނަމަވެސް މިދަތުރު އިންތިޒާމު ކުރެވިފައިވާ ވަކި ދުވަހެއް ދެ ގައުމުގެ ސަރުކާރުންވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި މޯދީ އަދި ރާއްޖެއަށް ވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށާއި އަދި ރައީސް ސޯލިހްގެ ދައުވަތަކަށް އެ ވެރިކަމުގައިވެސް މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިންޑިއާ އާއި ރާއްޖޭގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ނަމަވެސް މިހާރު ދެ ގައުމުގެ ގުޅުން ވަނީ އާންމު ހާލަތަކަށް އައިސްފަ އެވެ.