ހަބަރު

އެމްއެޗް370 ގެއްލުނީ އެކްސިޑެންޓަކުން ކަމަށް ނިންމައިފި

މީގެ 10 މަސް ދުވަސް ކުރިން 239 މީހުންނާ އެކު މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ގެއްލުނީ އެކްސިޑެންޓަކުން ކަމަށް މިއަދު ކަނޑައަޅައިފި އެވެ.

މެލޭޝިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިންވެސްޓިގޭޓަރުން މިގޮތަށް ކަނޑައެޅުމާ އެކު، ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކަށް މިހާރު ވަނީ އެއާލައިންގެ ފަރާތުން ބަދަލު ހޯދުމަށް މަގު ތަނަވަސްވެފަ އެވެ. ތަހުގީގު ޓީމުން ނިންމާފައި ވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަނިކޮށް ފްލައިޓް ގެއްލިފައި ވަނީ ދަތުރުކުރަންޖެހޭ މިސްރާބު ނޫން އެހެން ދިމާލަކަށް ދަތުރުކުރަމުން ގޮސް ތެޔޮ ހުސްވެ އިންޑިއާ ކަނޑުގެތެރެއަށް ވެއްޓިގެން ކަމަށެވެ. ބޯޓު ވަނީ ކަނޑުގެ އެންމެ ފުނުގައި ކަމަށާއި އެއިން ދަތުރުކުރި އެންމެން ވެސް މަރުވެފައިވާ ކަމަށް ތަހުގީގުގައި ވަނީ ބަލައިފަ އެވެ.

ތަހުގީގުން މިގޮތަށް ނިންމި އިރު ބޯޓު ވެއްޓުނު ކަމަށް ބަލަނީ އޮސްޓްރޭލިއާގެ ޕާތުގެ ހުޅަނގުން ކަނޑުގެ އަޑި ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

"ހިތްދަތިކަމާއި ހިތާމަޔާ އެކު އަޅުގަނޑުމެން މި ނިންމަނީ ފްލައިޓް އެމްއެޗް370 އަށް ކުރިމަތިވީ އެކްސިޑެންޓެއް ކަމަށް،" ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަ ޖެނެރަލް އަޒްހާރުއްދީން އަބްދުލް ރަހްމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިގޮތަށް ނިންމި ކަމުގައި ވިޔަސް ބޯޓު ހޯދުމުގެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި ވިދާޅުވީ ބޯއިން 777 މަރުކާގެ އެ ބޯޓު ގެއްލުނީ އެކްސިޑެންޓަކުން ކަމަށް ނިންމި ކަމުގައި ވިޔަސް އެ އެކްސިޑެންޓް އެގޮތަށް ހިނގަން މެދުވެރިވި ކަމަށް ބެލެވޭ ސަބަބެއް ކަމަށް ދައްކާނެ ހަރުދަނާ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު ގެއްލުނު މި ފްލައިޓްގައި ގިނައީ ޗައިނާ މީހުންނެވެ. ބޯޓު ގެއްލުނު ކަމަށް އެކި މީހުން އެކި ތިއަރީތައް ނެރެމުން ދާއިރު މެލޭޝިއާ އިން މިއަދު ނިންމި ނިންމުމާ އެކު ބޯޓުން ދަތުުރުކުރި މީހުންގެ އާއިލާތައް ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.