ހަބަރު

ރެހެންދި ފްލެޓްގެ 11 އެޕާޓްމަންޓު ގަތުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

ޓީވީ ކޮށީގައި އިމާރަތް ކުރެވިފައިވާ "ރެހެންދީ ފްލެޓް"ގެ 11 އެޕާޓްމަންޓު ގަތުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހައުސިން މިނިސްޓްރީ އިން އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީ އިން މިމަހު ހައެއްގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އެޕާޓްމަންޓުތައް އާމުންނަށް ހުޅުވާލައި، ވިއްކަން ނިންމީ ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. އެގޮތުން ރެހެންދި އެކެއްގެ އެއްފްލެޓާއި ރެހެންދި ތިނެއްގެ 10 ފްލެޓު ގަތުމަށް ވަނީ ފުރުސަތު ހުޅުވާލައިފަވާ ކަމަށެވެ.

އެ މިނިސްޓްރީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގިނަ ފަރާތްތަކުން އިތުރު ފުރުސަތަކަށް އެދެމުން ގެންދާ ކަމަށާއި އެހެން ކަމުން 11 ފްލެޓް ގަތުމަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަހެޅުމަށް އެންމެ ފަހުގެ ތާރީހު އަންނަ މަހު 10 އަކާ ހަމަޔަށް އިތުރު ކުރާ ކަމަށެވެ.

ރެހެންދި ފްލެޓު ގަންނަން ހައުސިން މިނިސްޓްރީ އިން އިއުލާން ކުރި ދުވަސް ކޮޅު ފްލެޓުތައް ލިބިފައިވާ ކަމަށް ބުނެ ހައުސިން މިނިސްޓްރީގެ ނަމުގައި މީހުންނަށް ގުޅައި އޮޅުވާލައިގެން ފައިސާ އަތުލަން ބަޔަކު މަސައްކަތް ކުރަމުން އައި ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.