މޯލްޑިވްސް ޓްރެވަލް އެވޯޑްސް

ޓްރެވަލް އެވޯޑްސް އިންތިޒާމްކޮށް ހޯސްޓުކުރުން ތިންކާ ހަވާލުކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާޒް (މަޓާޓޯ) އިން މޯލްޑިވްސް ޓްރެވަލް އެވޯޑްސް އިންތިޒާމްކޮށް ހޯސްޓުކުރަން ތިންކް އެޑްވަޓައިޒިން އާ މިއަދު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މަޓާޓޯގެ ރައީސް އަބްދުالله ގިޔާސް ރިޔާޒް ވިދާޅުވީ، ތިންކް އެޑްވަޓައިޒިންއާއެކުވި އެއްބަސްވުމާމެދު ވަރަށް އުންމީދު ބޮޑު ކަމަށާއި ތިންކްގެ ތަޖުރިބާގެ އަލީގައި ދެފަރާތުން ގުޅިގެން މަސައްކަތްކޮށް، ކުރިއަށް އޮތް ތަނުގައި މި އެވޯޑް ޝޯ މުޅިން ތަފާތު ލެވެލް އެއްގައި ގެނެސްދެވޭނެ ކަމަށެވެ. އަދި ފަތުރުވެތިކަމުގެ ސިނާޢަތުގައި މި އެވޯޑަށް އޮތް އިތުބާރާއި ޔަގީންކަން އިތުރުވެގެންދާނެކަމަށް ގަބޫލުކުރާ ކަމަށެވެ.

ފާއިތުވެދިޔަ އަހަރު މަޓާޓޯ ޓްރެވެލް އެވޯޑް އިންތިޒާމްކޮށް ހޯސްޓްކޮށްފައިވަނީ ހައި ރައިޒްގެ ފަރާތުންނެވެ. މި އެވޯޑަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

މަޓާޓޯ އިން ބުނީ ކުރިއަށް އަންނަ ހަފުތާތަކު ތެރޭގައި، އެވޯޑުގެ ހަފުލާ އޮންނާނެ ތާރީހާއި، ނޮމިނޭޝަންއަށް ނަން ހުށަހެޅުމަށާއި މި އެވޯޑް ސްޕޮންސަރކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.