ހަބަރު

ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހު ކުރަން ރާއްޖެ ތައްޔާރު: ދުންޔާ

  • މަޝްވަރާއަށް އިސްކަން ދޭ ކަމަށް ވިދާޅުވި
  • ޑިމޮކްރަސީ ކުރިއެރުވުމުގައި ދެމި އޮންނާނެ
  • އިސްލާހުތަކުގެ ގައުމީ ޕްލޭނަކަށް ބޭރުގެ އެހީއަށް އެދޭ

ތަޖުރިބާއަށް ބަލައި ވެރިކަން ހިންގުމުގެ ނިޒާމަށް އިސްލާހުތަކެއް ގެނައުމުގެ ގައުމީ ޕްލޭނެއް ތަންފީޒު ކުރުމަށް ރާއްޖެ އިން އޮތީ ތައްޔާރު ކަމަށާއި އެކަމުގައި ބައިނަލްއަގުވާމީ ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ ފަންނީ އެހީތެރިކަމާއި އެއްބާރުލުން އަދި އިރުޝާދު ބޭނުންވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ އެކަމަށް އެދިވަޑައިގެންފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ދުންޔާ ވަނީ ޑިމޮކްރެސީ ކުރިއެރުވުމަށް އެހީތެރިވެދޭނެ ހާއްސަ އެޑްވައިޒަރެއްް އައްޔަނުކޮށް ދިނުމަށް އދ.ގެ އިންސާނުންގެ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ ކިބައިން ވެސް އެދިވަޑައިގެންފައިވާކަން ފާހަގަ ކުރައްވައިފަ އެވެ.

ދުންޔާ ވިދާޅުވީ، ރާއްޖެއަކީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ގައުމެއް ކަމަށާއި އިސްލާހުތައް ބޭނުންވާ ކަމަށެވެ. އަދި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ޓަކައި މަސައްކަތް ކުރުމުގައި ސަރުކާރުން ދެމިތިބޭނެ ކަމަށާއި އެކަމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި އިޔޫ، އދ އަދި ކޮމަންވެލްތާއި އެހެން ވެސް ގައުމުތަކުގައި އެހީތެރިކަން ރާއްޖެއިން ބޭނުންވާކަން މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ހިޔާލުތަފާތުވުންތަކުގައި ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކޮށް ހައްލުތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ހިޔާލުތަފާތުވާ ގައުމީ މައްސަލަތަކުގައި އެންމެން އެއްގަލަކަށް އަރައިގެން ނަތީޖާ ނެރުމަށް ކަން ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ. މިހާރު ފަށާފައިވާ ސިޔާސީ ޕާޓީގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި ކުރިއެރުން ލިބިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވަނީ މަޝްވަރާތަކާ ގުޅޭ ގޮތުން ބޭރުގެ ޑިޕްލޮމެޓުންނަށް މައުލޫމާތު ދެއްވައިފަ އެވެ. އެގޮތުން އދ ގެ ހާއްސަ މަންދޫބުގެ މަސައްކަތްޕުޅުތަކުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް މަގުފަހިވެފައިވާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އެއީ ރަނގަޅު މިސްރާބަކަށް ރާއްޖެ ދިޔުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ދުންޔާގެ އަރިހުގައި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަރު ޒާހިޔާ ޒަރީރު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.