ހަބަރު

ކަރެކްޝަން އިން ހައްޖު ކޯޕަރޭޝަން ސްކީމްގައި ބައިވެރިވެއްޖެ

މުވައްޒަފުންގެ މުސާރައިންގެ ފައިސާ އުނިކޮށްގެން ހައްޖަށް ގެންގޮސްދޭ ސްކީމްގައި ކަރެކްޝަންސްގެ މުވައްޒަފުން ބައިވެރިވެއްޖެ އެވެ. މި ސްކީމްގެ ދަށުން ހައްޖު އަދި އުމްރާގެ އަޅުކަމަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު ކަރެކްޝަންސްގެ މުވައްޒިފުންނަށް ފަހިވެގެންދެ އެވެ.

ގާޒީ ބިލްޑިންގައި މިއަދު ބޭއްވި ޕްރެސް ކޮންފަރަންސްއެއްގައި ވާހަކަދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ވިދާޅުވީ މި ސްކީމްގެ ބޭނުމަކީ ރައްޔިތުންގެ ތެރެއިން ވަޒީފާ އަދާ ކުރާ މީހުނަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަސް ހައްޖަށާއި އުމުރާއަށް ދިޔުމަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. އެގޮތުން އެ މުވައްޒަފަކު އެދޭވަރަށް މުސާރައިން އުނި ކުރުމަށް ފުރުސަތު ލިބޭނެ ކަމަށާއި އަދި 75 ޕަސަންޓު ހަމަވުމަށް ފަހު އެމީހަކު ހައްޖަށް ދެވޭނެ އަހަރު ކަނޑައެޅޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މީގެން އިތުރު ފައިދާއަކީ މިގޮތަށް މި ލިބޭ ފައިދާ ސަރިއްޔާ އިންވެސްޓުމަންޓުތަކަށް އިންވެސްޓުކޮށް އެއިން ލިބޭ ނަފާގެ 95 ޕަސަންޓް ބެހިގެންދޭ ފައިސާލާ ފަރާތްތަކުގެ މެދުގައި. އެހެންވީމަ މުވައްޒިފުންގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ފައިދާއިންވެސް އެއަށް ބައެއް އިތުރު ވެގެންދާނެ،" އިދުރީސް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މި ސްކީމްގެ ދަށުން އުމްރާއަށް ދިޔުމަށް ވެސް ފައިސާ ރައްކާ ކުރުމަށް ފުރުސަތުލިބޭނެ ކަމަށެވެ. ޔާމީން ވިދާޅުވީ، އޭގެ އިތުރުން މުވައްޒިފުންގެ މައިންބަފައިންނާއި އަނބި ދަރިންނަށް ވެސް ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމް"ގައި ބޮޑެތި ގިނަ ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ. މިއަދު ފުލުހުން ވެސް ވަނީ މި ސްކީމްގައި ބައިވެރިވެފަ އެވެ.