ހަބަރު

ރާއްޖެއަށް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލު: މިނިސްޓަރު

އެންމެ އެކަށީގެންވާ ސްޕީޑެއްގައި ރާއްޖެއަށް ތަރައްގީ ގެންނަން ތަފާތު ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށް އެންވާރަމެންޓު މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ފެށި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޫސުމަށް އަންނަ ބައެއް ބަދަލުތަކުގެ ތެރޭގައި ރަށް ގިރުމާއި ފެނުގެ މައްސަލަތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރުވެސް ރާއްޖޭގެ 70ރަށަކަށް ވަނީ ބޯފެނުގެ މައްސަލަތަކާއި ކުރިމަތވެފައި. ހޫނު މޫސުމުގައި ރާއްޖެއަށް ބޯފެން ނުލިބުމުގެ މައްސަލަތަކާއި ކުރިމަތިވޭ. މިސަރުކާރުގެ އަމާޒަކީ 2018 އަންނަން ވާއިރަށް ހޫނު މޫސުމުގައި ދިމާވާ ފެނުގެ މައްސަލަތައް ހައްލުކުރުން" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ހާސިލްކުރުމަށް ރާވާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރަން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި 2015 ވަނަ އަހަރަށް ކަނޑައެޅި އަށް ގޯލުގެ ތެރެއިން ފަސް ގޯލު ހާސިލްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު އަބުދުﷲ މަޖީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ގޮންޖެހުންތަކެއް ހުރި އިރު އެކަމުން ބޮޑަށް ގެއްލުން ލިބެނީ ރާއްޖެފަދަ ޖަޒީރާ ރަށްތަކަށް ކަމަށެވެ. އަދި 2030 ގެ ނިޔަލަށް ދެމެހެއްޓެނި ތަރައްގީގެ ލަނޑުދަނޑީގެ ގޮތުގައި 17 ގޯލް އާއި 169 ޓާގެޓް އަދި 231 އިންޑިކޭޓާސް އދ އިން ކަނޑައަޅާފައިވެ އެވެ. މިއަދު ފެށި ފޯރަމްގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންނާއި، ގިނަ އެންޖީއޯ ތަކުން އަދި ޔޫއެންޑީޕީން ބައިވެރިވި އެވެ.