ހަބަރު

ތިން އަތޮޅެއްގެ ކުނި މެނޭޖްކުރާނެ ސެންޓަރުތައް އަޅަން ހަވާލުކޮށްފި

ހއ. ހދ. އަދި ށ. އަތޮޅުގެ ކުނިމެނޭޖް ކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކާއި ހަތަރު ރަށެއްގައި ކުނިކޮށި އެޅުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ.

އެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އެކި ކުންފުނިތަކާ އެވެ.

މިއަދު އެނާޖީ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އުތުރުގެ ތިން އަތޮޅުގެ ކުނި މެނޭޖްކުރާ ސެންޓަރުތައް އަޅަން ހަވާލުކުރީ ޖޮއިންޓް ވެންޗާއެއް ކަމަށްވާ މޯލްޑިވްސް އެނާޖީ އެންޑް އެންވާރަމެންޓު ކޮމްޕެނީ ލިމިޓެޑާ އައި ފްރާންޓިސް އެސޯސިއޭޓްސް ލިމިޓެޑާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވމުން މިނިސްޓަރު ވިދާޅުވީ މތިން މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ހަދާ މި ސެންޓަރުތަކުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށެވެ.

އަދި ހަތަރު ރަށެއްގައި ކުނިކޮށި އަޅަން ހަވާލުކޮށްފައިވާ ކަމަށާއި އެއީ ހދ. މަކުނުދޫ، ހދ. ކުރިނބީ، ނ. ކުޑަފަރީ އަދި ރ. ވާދޫ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިރަށްތަކުގެ ތެރެއިން ކުޑަފަރީ އާ ވާދޫ އަކީ ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރު ހަދާ ނިމޭއިރު ރީޖަންގައި ހިމެނޭ ދެ ރަށްކަންވެސް ފާހަގަކުރެއްވި އެވެ. އަދި އެރީޖަންގެ ވޭސްޓްމެނޭޖްމެންޓު ސެންޓަރުގެ މަސައްކަތް ވަރަށް ބޮޑަށް ނިމިފައި ކަމަށްވެސް ވިދާޅުވި އެވެ.

މި ރަށްތަކުގައި ކުނި ކޮށި އަޅަން 2.7 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިު އެވެ.

"އަޅުގަނޑުމެން މިހާރުވެސް ވާނީ ވޭސްޓްމެނޭޖްމަންޓު ޕޮލިސީވެސް ހަދާ ނިމިފައި. އޭގައިވާ ގޮތުން 2018 ނިމޭއިރު ކޮންމެ ރަށެއްގައި ވޭސްޓު މެނޭޖްމެންޓް ސެންޓަރެއް ހެދި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ލެވިގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.

އަދި އައްޑޫ، ފުވައްމުލައް އަދި ގއ އާ ގދ ގައިވެސް ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ފުވައްމުލަކާއި އައްޑޫގައ ރީޖަނަލް ވޭސްޓު މެނޭޖްމެންޓު ސެންޓަރެއްވެސް ހަދަމުންދާ ކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު މާލެއިން ކުނި ގެންދިއުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.