ހަބަރު

ޔޫއޭއީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

May 8, 2016
1

ޔުނެއިޓެޑް އަރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ފޮރިން މިނިސްޓަރު ޝައިހް އަބްދުﷲ ބިން ޒައެދް އަލް ނަހްޔާން މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މިނިސްޓަރު އަބްދުﷲ ގެ މި ދަތުރުފުޅަކީ ދިވެހި ސަރުކާރުގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މިނިސްޓަރުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް މަޝްވަރާ ކުރައްވާނެ އެވެ.
ރާއްޖެއަށް ވަޑައިގެންނެވުމަށްފަހު ޝައިހް އަބްދުﷲ ވަނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭ ބައެއް މަޝްވަރާތައް ކުރައްވާފަ އެވެ. އަދި ވިޒިޓާސް ބުކް ގައި ސޮއިވެސް ކުރައްވާފައެވެ.

ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބޭރުގެ އިސް ފަރާތްތަކުން ސޮއިކުރައްވާ އެ ފޮތުގައި ސޮއިކުރެއްވުމަށްފަހު ޝައިހް އަބްދުﷲ ވިދާޅުވީ، ރާއްޖެ ފަދަ ރީތި ގައުމަކަށް އާދެވުމުން އުފާފުޅުކުރައްވާ ކަމަށެވެ. ޔޫއޭއީ އަކީ އެ ސަރަހައްދުގެ އެންމެ ބޮޑު ޓޫރިޒަމް ހަބް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަކީ ފައިދާހުރި ވިސްނުމެއް ކަމަށާއި ރާއްޖެ ފަދަ ގައުމަކަށް ޔޫއޭއީ އިން ގިނަ ފަތުރުވެރިން ގެންނަން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ޔޫއޭއީ އިން ރާއްޖޭގެ ތަރައްގީއަށް ލިބެމުންދާ އެހީތަކަށް މިނިސްޓަރު ދުންޔާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. ޝައިހް އަބްދުﷲ ގެ މި ދަތުރުފުޅުގައި ޔޫއޭއީ އާއި ރާއްޖޭގެ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމާބެހޭ މަޝްވަރާތައް ކުރާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ޔޫއޭއީގެ މިނިސްޓަރު ވަޑައިގެންނެވި އިރު މިދިއަ ފެބްރުއަރީގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ ޔޫއޭއީއަށް ވަޑައިގެންފަ އެވެ.