އެޗްޑީސީ

އެޗްޑީސީން ކުޑަކުދިންނަށް ފެންކުޅި އީދެއް ބާއްވައިފި

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެޗްޑީސީން ކުޑަކުދިންނަށް ހާއްސަ ފެން ކުޅި އީދެއް ބާއްވައިފި އެވެ. މި ހަރަކާތް ކުރިއަށް ދިޔައީ މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 6:00 ޖަހަންދެން ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.

ފެނުގެ ކުޅިވަރުތަކަށް ހާއްސަ "ވޯޓާ ސްޕްލޭޝް ޑޭ" ގެ ނަމުގައި ބޭއްވި މި ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެ އެވެ. މި ހަވީރުގައި އެކިކަހަލަ ކުޅިވަރުތައް ކުޅެވޭ ގޮތަށް ސްޓޯލްތައް ހަދާފައިހުރިއިރު ސްޓޯލްތައް ހަދާފައިވަނީ ހުޅުމާލޭގެ ސްކޫލްތަކާއި ބައެއް މުއައްސަސާތަކުންނެވެ.

މި ހަވީރާ ގުޅޭ ގޮތުން އެޗްޑީސީގެ ޗެއާމަން ފުއާދު ގާސިމް ވިދާޅުވީ، މި ހަވީރުގެ މަގުސަދަކީ ކުޑަކުދިންގެ ދުވަހުގެ އުފާ ކުޑަކުދިންނަށް ހޯދައިދިނުން ކަމަށެވެ. އަދި ހުޅުމާލެ ތަރައްގީވެގެންދާއިރު ހުޅުމާލެއަކީ ކުޑަކުދިން އުޅުމަށް ހިތްފަސޭހަ ތަނަކަށްވެގެންދާނެ ކަމަށެވެ.

"ދެ ދުވަހެއް ފަހުން ނަމަވެސް އެޗްޑީސީއިން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް މި، މި ހަރަކާތް މި ބާއްވަނީ ވީހާވެސް ގިނަ ކުޑަކުދިންނަށް ބައިވެރިވެވޭނެ ފަދަ ދުވަހެއްގައި، ކުޑަކުދިންނަކީ މުޖުތަމައުގައި ވަރަށް މުހިންމު ބައެއް، އެ ކުދިންނަށްޓަކައި އަޅުގަނޑުމެން ހުރިހާ ވަގުތެއް ވެސް ހޭދަކުރަނީ،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވަނީ މި މަހުގެ ތެރޭގައި ސެންޓްރަލް ޕާކްގެ ފަސް ފިޔަވަހީގެ ތެރެއިން އެއް ފިޔަވަހި ހުޅުވުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވާނެކަން ވެސް އިއުލާންކުރައްވާފަ އެވެ.