ޓޫރިޒަމް

ލ. ގުރައިދުއާ ކަށިދޫގައި ރިޒޯޓް ހަދަން ހުޅުވާލައިފި

May 23, 2016
1

ލ. ގުރައިދޫއާއި އެ އަތޮޅުގެ ކަށިދޫގައި ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޓޫރިޒަމުން ބުނީ ލ. ގުރައިދޫއާއި އެ އަތޮޅު ކަށިދޫގައި ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކަން ހާމަކޮށް މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަން އެދޭ ކަމަށެވެ. އަދި ބުނީ ޝައުޤުވެރިކަން ހާމަކޮށް ހުށަހަޅާ ކަރުދާހާއެކު ޝައުޤުވެރިކަން ހާމަކުރުމަށް އެދި ހުށަހަޅާ ސިޓީ އާއި ރަށުގެ އެކުއިޒިޝަން ކޮސްޓް ދެއްކުމަށް އެއްވެސް އިއުތިރާޒެއް ނުކުރާކަމުގެ ލިޔުމާއި ރަށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ޖޫން 2018 ގެ ނިޔަލަށް ތަރައްޤީކޮށް ނިންމުމަށް އެއްބަސްވާކަމުގެ ލިޔުން ހިމަނަންޖެހޭނެ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫން މަހުގެ ދެވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން ހުށަހަޅަންޖެހެ އެވެ. ޝައުޤުވެރިކަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުމުގައި ހިމަނާފައިވާ މައުލޫމާތު ޓޫރިޒަމުން ބަލައި މިންކުރުމަށްފަހު، އޭގެތެރެއިން ހޮވޭ ފަރާތްތަކާއެކު ސަރުކާރު ހިއްސާވެގެން ރިޒޯޓް ތަރައްގީކުރަން ނިންމައިފައިވާނަމަ އެފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާން ވަނީ ނިންމާފަ އެވެ.