ކްރިމިނަލް ކޯޓް

ސިއްރު ހެކީގެ މައުލޫމާތެއް ނުދެން: ގާޒީ

ދައުލަތުން ހުށަހަޅާ ސިއްރު ހެކިންގެ މައުލޫމާތު ޝަރީއަތުން އެއްވެސް ފަރާތަކާ ހިއްސާކޮށްފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ވިދާޅުވެއްޖެ އެވެ.

މިއަދުގެ އެ ކޯޓުގައި ބޭއްވި މާމިނގިލާ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްސަލާގެ އަޑުއެހުމުގައި ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ދައުލަތުން ހުށަހަޅާ ސިއްރު ހެކިންނަކީ ދައުލަތުން އެދޭ ގޮތަށް ސިއްރު ކޮށްފައިވާ ހެކިތަކެއް ކަމަށެވެ. އެ ހެކިންގެ ސިއްރުކަން ގެއްލޭ ގޮތަށް ޝަރީއަތުން އެއްވެސް އިރެއްގައި އަމަލުކޮށްފައި ނޯންނާނެ ކަމަށެވެ.

ގާޒީ މިހެން ވިދާޅުވެފައި މިވަނީ އިއްޔެ ކުރީގެ ޕީޖީ މުހުތާޒު މުހުސިން، ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ސިއްރު ހެކިންނަކީ ކޮބައިކަން އެނގޭ ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓަށާއި ޕީޖީ އޮފީހަށް ފާޑު ވިދާޅުވެފައި ވަނިކޮށެވެ. މުހުތާޒުގެ މައްސަލަ ވެސް ބައްލަވަނީ ގާޒީ އިބްރާހިމް އަލީ އެވެ.

އިއްޔެ މުހުތާޒު ވިދާޅުވެފައިވަނީ، ސިއްރު ހެކިންގެ މައުލޫމާތު ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުގައި ހުރި ކަމަށާއި އެކަން އެގޮތަށް ވެފައިވަނީ ކޯޓުތަކުގެ ނޭއްގާނީ ކަމުންކަން ނުވަތަ ޕީޖީ އޮފީހުގެ ބޭފުޅުންގެ ވިސްނުން ނެތުމުން ކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ މުހުތާޒު ވިދާޅުވީ، ސިއްރު ހެކިން ހާމަވެފައިވަނީ ގަސްތުގައި ކަމެއް ނޫނީ އިހުމާލުންވީ ކަމެއްތޯ ސާފު ނުވާ ކަމަށާއި އެހެންނަމަވެސް ޝަރީއަތް ކުރުމަކީ ސީރިއަސް ކަމެއް ކަމަށެވެ. ސިއްރު ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅި ހެކިން އޭނާގެ ފަރާތުން ހުށަހަޅާފައިވާނެ ކަމަށް ވެސް މުހުތާޒު ވިދާޅުވެފައިވެ އެވެ.