ހަބަރު

ވެރިކަން ހޯދަން ނާޒިމް މީހަކު ނުމަރާނެކަން ޔަގީން: އިމްރާން

Feb 10, 2015
8

ވެރިކަން ހޯދުމަށް މީހަކު މަރާލަން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ނުރާއްވަވާނެ ކަން ހިތުގެ އަޑިން ގަބޫލު ކުރައްވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން ވިދާޅުވީ އެފަދަ އަމަލެއް ނާޒިމް ނުކުރައްވާނެ ކަން ހިތުގެ އަޑީން ކަށަވަރުކޮށް ޔަގީން ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ "ނާޒިމަކީ އަނިޔާ ލިބިގެންވާ މީހެއް ކަމަށާއި އަޅުގަނޑުމެނަކީ އަބަދު އަނިޔާވެރިކަމާ ދެކޮޅު ބައެއް" ކަށެވެ. އޭނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު ހަނގުރާމަވެރި ހަތިޔާރު ބޭނުންކޮށް ދައުލަތާ އިދިކޮޅު އަމަލެއް ހިންގަވައި ސަރުކާރު ވައްޓައިލަން އުޅުއްވި ކަމުގެ ތުހުމަތުގައި ނާޒިމްގެ މަގާމުން ވަކި ކުރައްވައި އޭނާގެ މައްޗަށް ތަހުގީގެއް ވަނީ ހިންގާއެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު ރޭ ދަންވަރު ވަނީ ނާޒިމް ހައްޔަރުކޮށްފަ އެވެ.

ނާޒިމަށް ތުހުމަތުކޮށް ނާޒިމް ދިރިއުޅުއްވާގެއަށް ވަދެ އޭނާގެ ކޮޓަރި ފާސްކޮށް ނުވައެއް އެމްއެމްގެ ފިސްތޯލައަކާއި މެގަޒިނަކާއި ތިން ވަޒަންގެ އިތުރުން އިމްޕްރޮވައިޒްޑް އެކްޕްލޯސިވް ޑިވައިސް ފުލުހުން ވަނީ މި ދިއަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ގެންގޮސްފައެވެ. އޭގެ ފަހުން އޭނާ މަގާމުން ވަކި ކުރެއްވީ 20 ވަނަ ދުވަހު އެވެ.

ނާޒިމަށް ކުރާ ތުހުމަތުތައް އޭނާ އާއި އޭނާގެ ވަކީލުން ދޮގު ކުރައްވައެވެ.