ކްރިމިނަލް ކޯޓް

މެޖިސްޓްރޭޓް ނިހާންގެ މައްޗަށް ހުކުމް އިއްވުން މިރޭ

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކޮށް ޝަރީއަތް ހިންގަމުން އައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާންގެ މައްޗަށް ހުކުމް އިއްވުން މިރެއަށް ތާވަލުކޮށްފި އެވެ. މި މައްސަލާގައި ހުކުމް އިއްވުން ބާއްވާ އަޑުއެހުން ތާވަލުކޮށްފައިވަނީ މިރޭ 10:00 ށެވެ.

ނިހާންގެ މައްޗަށް ހުކުމް އިއްވުން އެންމެ ފުރަތަމަ ތާވަލުކޮށްފައިވަނީ ރެއަށެވެ. ނަމަވެސް ސަބަބެއް ހާމަކުރުމެއް ނެތި ކްރިމިނަލް ކޯޓުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ނިހާންގެ އިތުރަށް ދައުވާކުރި ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ މައްޗަށް ރޭ ވަނީ ހުކުމް އިއްވާފަ އެވެ. އިއްވާފައިވަނީ 17 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ނިހާންއާ ދެކޮޅަށް ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ހަތަރު ދައުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ނިހާންގެ މައްޗަށް އުފުލާފައިވަނީ، އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އާއި ޓެރަރިޒަމް އަމަލެއް ހިންގުމުގައި ބައިވެރި އެފަދަ އަމަލެއް ހިންގުމުގެ ދައުވާ އެވެ.

ނިހާންގެ ވަކީލް ސުއޫދު ހުލާސާ ބަޔާން އިއްވަމުން ވިދާޅުވީ، ސައްހަ ނޫން ކޯޓު އަމުރެއް ނިހާން ނެރުނުކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. މާލޭގެ މަގުމަތިން ފެނުނު މާފުށީ ކޯޓުގެ ނަމުގައި ނެރެފައިވާ ކޯޓު އަމުރު ނެރުނީ ނިހާން ކަން ވެސް ދައުލަތަށް ސާބިތުކޮށްދެވިފައިވާ ކަމަށެވެ. އަދި އެ ކޯޓު އަމުރާ ނިހާންއާ ގުޅުވެން ނެތް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.