ރައްޔިތުންގެ މަޖިލިސް

ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހުތައް އަވަސް ކުރަން ފާސްކޮށް ބަހުސް ފަށައިފި

Jun 21, 2016

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް އަވަސް ކުރުމަށް، އަވަހަށް ކުރިޔަށް ގެންގޮސް ނިންމާލަން ފާސްކޮށް ބަހުސް ފަށައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކުރަން 31 މެމްބަރުންގެ ވޯޓް ދެއްވި އެވެ. އެގޮތަށް ނުފެންނަ ކަމަށް ވޯޓް ދެއްވީ ފަސް ބޭފުޅެކެވެ.

ރިޔާސަތުން މިއަދު ހުށަހެޅި އެ ހުށަހެޅުން ފާސް ކުރުމާއެކު އެ އިސްލާހުތަކުގެ މަސައްކަތް މިހާރު ވަނީ މަޖިލީހުގައި ފަށާފ އެވެ.

ސަރުކާރުން ހުށަހެޅި މި އިސްލާހުތަކުގެ ބިލަކީ ރިސޯޓް ތަރައްގީ ކުރަން ފަޅުރަށް ކުއްޔަށް ދެވެން އޮންނަ އުސޫލަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ. މީގެ އިތުރުން ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުން ވެސް ހިމަނާފައި ވެއެވެ. އެގޮތުން ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިން އެތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކު ހަ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައުލަތަށް ނެގެ އެވެ. އަދި ފަތުރުވެރިންގެ އަތުން ޓެކްސް ނެގުމަށްފަހު އެ ފައިސާ ދައުލަތަށް ދެއްކުމަކީ އެ ފަތުރުވެރިޔަކު ހުރި ތަނެއްގެ ވެރިމީހާ ކުރަންޖެހޭ ކަމެކެވެ.

މި ބިލް މިއަދު މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކެވެ.