ހަބަރު

ބައިނަލް އަގުވާމީ ޓޫރިޒަމް ފިލްމް ފެސްޓިވަލަށް 200 ފިލްމް ހުށަހަޅައިފި

Jul 4, 2016
  • ފެސްޓިވަލް ފަށާނީ މިމަހުގެ 10 ގައި
  • ބައިނަލް އަގުވާމީ ފަރާތްތައް ބައިވެރިވޭ
  • ޓޫރިޒަމް ޕްރޮމޯޝަންގެ ބޮޑު އިވެންޓެއް

ސަން ސިޔާމް އިރުފުށިން ރާއްޖޭގައި ބާއްވާ ބައިނަލް އަގުވާމީ ފުރަތަމަ ޓޫރިޒަމް ފިލްމް ފެސްޓިވަލަށް 200 ފިލްމެއް ހުށަހަޅައިފި އެވެ.

މުޅި ދުނިޔެއަށް ހުޅުވާލައިގެން "ފޮލޮވިން ދަ އީކްއޭޓާ" ގެ ނަމުގައި ބާއްވާ އިންޓަނޭޝަނަލް ޓޫރިޒަމް ފިލްމް ފެސްޓިވަލް މޯލްޑިވްސް (އައިޓީއެފްއެފްއެމް) މީޑިޔާ ޕާޓްނަރަކަށް ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ހަމަޖެހުމާ ގުޅިގެން އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޝާޔަން ޝާހިދެވެ. އަދި ފިލްމް ފެސްޓިވަލް ބާއްވާ ސަން ސިޔާމް ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ ބިޒްސް ޑިވްލޮޕްމަންޓް ޑައިރެކްޓަރު ވެގީނާ ބޮޔަންކޯވާ އެވެ.

މި ރަސްމިއްޔާތުގައި ބޮޔަންކޯވާ ވިދާޅުވީ ފިލްމް ފެސްޓިވަލަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، ގިނަ ފިލްމް ތަކެއް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

"ފިލްމް ފެސްޓިވަލަށް 200 ފިލްމެއް ހުށަހަޅާފައިވަނީ. މީގެ ތެރެއިން ނޮމިނޭޓްކުރާނީ 45 ފިލްމް އަދި މީގެ ތެރެއިން އެންމެ މޮޅު 10 ހޮވާނެ،" ބޮޔަންކޯވާ ވިދާޅުވި އެވެ.

ސަން ސިޔާމް އިރުފުށީގައި މިމަހުގެ 10-12 އަށް ކުރިއަށް ގެންދާ އައިޓީއެފްއެފްއެމްއާ ދިމާކޮށް އެ ރިސޯޓުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. މި ގޮތުން ކުރިއަށް ގެންދާ ހަރާކާތްތަކުގެ ތެރޭގައި ޔޯގާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމާއި ރާއްޖޭގެ ކެއުންތައް ދައްކާލަން ބާއްވާ ހަރަކާތެއްގެ އިތުރުން މޫދު ކުޅިވަރުގެ ތަފާތު ހަރަކާތްތައްވެސް ހިމެނެ އެވެ.

ބޮޔަންކޯވާ ވިދާޅުވީ މި ފެސްޓިވަލްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ބޭރުގައި ޕްރޮމޯޓް ވެގެންދާނެ ކަމަށެވެ.

"މީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ބޭރުގައި ވަރަށ ބޮޑަށް ޕްރޮމޯޓް ވެގެންދާނެ،" ބޮޔަންކޯވާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑީއެމްޑީ ޝާޔަން ވިދާޅުވީ ޓީވީއެމުން ޓޫރިޒަމާ ގުޅުންހުރި ކަންތައްތަކަށް ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމަށެވެ.

"ޓޫރިޒަމަށް ހާއްސަ ޗެނަލެއްގެ ކޮންޓެންޓްގެ މަސައްކަތް މިހާރުވެސް ކުރަމުން މިދަނީ. ވަރަށް އަވަހަށް އެ ޗެނަލް ފެނިގެންދާނެ،" ޝާޔަން ވިދާޅުވި އެވެ.

މި ފިލްމް ފެސްޓިވަލް ބާއްވަނީ ބައިނަލް އަގުވާމީ މީޑިޔާ ވެސް ބައިވެރިކޮށްގެންވެ. މި ފިލްމް ފެސްޓިލަމްގައ ފެނިގެންދާނީ ކުރު ފިލްމު ތަކެވެ. މިގޮތުން އެއް ވަނަ އިނާމަކަށް ދެކޮޅު ރާއްޖެ ޓިކެޓާއެކު ބޭނުން ލަގްޒަރީ ވިލާއެއްގައި ހިމެނޭ ގޮތަށް ފުލް ބޯޑް ޕެކޭޖެ ސަން ސިޔާމް އިރުފުށި ރިސޯޓުން ދެ އެވެ. މީގައި ފަސް ރޭގެ ހުރުމާއެކު ދޭ މި ޕެކޭޖުގެ އަގު 2،000 ޑޮލަރަށް ވުރެ މައްޗަށެވެ.