ހަބަރު

ސަރުކާރަށް ފައިސާއެއް ނުދައްކާނަން، އެކަން ނިންމަން ޖެހޭނީ ކޯޓުން: ގާސިމް

Feb 17, 2015
6

"ވިލާ ގްރޫޕް"ގެ ފަރާތުން ދައުލަތަށް ފައިސާތަކެއް ދައްކަން ހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވި ނަމަވެސް، އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ ކުރިއަށް ގެންދާ ކަންމަތީ ބައްދަލުވުންތަކުގެ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކުލި ނުދައްކައި ކަމަށް ބުނެ ވިލާ ގްރޫޕަށް ދީފައި ހުރި ބައެއް ރަށްތައް ސަރުކާރަށް ނެގީއިރު، އެއްވެސް ފައިސާއެއް ދައްކަން ބުނެފައި ނެތް ކަމަށެވެ. އަދި އޭގެ ފަހުން ފައިސާތަކެއް ދައްކަން ހުރި ކަމަށް ބުނެ، ޓޫރިޒަމް މިނިސްޓަރު އެ މަސައްކަތް ފެއްޓުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށްތައް އަތުލުމަށް ފަހު ދައުލަތަށް ފައިސާއެއް ދައްކަން ޖެހޭ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"އެ ބޭފުޅާ [ޓުއަރިޒަމް މިިނިސްޓަރު އަދީބު] ކުރެއްވި ހުވާގައި ވެސް އޮންނާނެ ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަން. އަޅުގަނޑު ދައްނަވާނީ އަޅުގަނޑު ދައްކަންޖެހޭ އެއްޗެއް ނޯންނާނެއޭ ކޮންމެ އެއްޗެއް ވިދާޅުވިޔަސް. އަޅުގަނޑުމެން އެކަން ފައިސަލާ ކުރާނީ ދިވެހި ރާއްޖޭގެ ކޯޓުތަކުން. އޭރުން ތިބޭފުޅާ ތި ވިދާޅުވާ އެއްޗެއް އެނގޭނީ،" ގާސިމް ވިދާޅުވި އެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނެފައި ވަނީ އެންމެ ފަހުން ނެގި ރަށްތަކުގެ ތެރެއިން ދައުކަތަށް 157މިލިއަން ޑޮލަރު ނުދައްކާ ހުރި ކަމަށެވެ. އަދި އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ވިލާ ގްރޫޕްގެ ރަށްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ. އެ ފައިސާ ހޯދުމަށް ފިޔަވަޅުތައް އަޅަން މީރާއަށް މިނިސްޓްރީން މިހާރު ވަނީ އަންގައިފަ އެވެ.

އަދީބަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވީ، އިހަށް ދުވަހު ކޮފީ ބިލަކަށް ލާރި ދައްކާލެވޭނެ ފަދައެއް ނެތް މީހަކު މިއަދު މާ ބޮޑު މުއްސައްޖަކަށް ވީމައި ސުވާލު އުފެދޭ ކަމަށެވެ. އަދި އަދީބު މާ ބޮޑު މީހަކަށް ވެގެން އުޅުނަސް އެކަމާ، ބިރު ގަނެގެން މީހަކު ނޫޅޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވަނީ އަދީބު އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައްވައިފަ އެވެ.

"އަޅުގަނޑު ދަންނަވާނީ އެކަކު ވެސް އެކަކު ދެކެ ބިރު ގަންނާކަށް ނުޖެހެއޭ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި އޮތް ޕީޕީއެމްގެ މެޖޯރިޓީ ވެސް ވަރަށް އަވަހަށް ގެއްލިގެން ދާނެ ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ވެސް ހަމަޔާއި އިންސާފު ގަބޫލު ކުރާ ބޭފުޅުން އެބަ ތިއްބެވި ކަމަށް ގާސިމް ވިދާޅުވި އެވެ. އެފަދަ ބޭފުޅުން ލަސްތަކެއް ނުވެ އިދިކޮޅު ހަރަކާތްތަކާ ގުޅޭތަން ފެންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމަށް މީގެ ކުރިން ވެސް ނިކުމެ ވަޑައިގަތީ އޭނާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި މިފަހަރު ވެސް ސަރުކާރާ ދެކޮޅަށް ނިކުންނަން މި ޖެހުނީ އެ މަސައްކަތުގައި ނަޝީދާ އެއްބާރުލުމަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

"ކިތަންމެ ވަރަކަށް އަދީބު ވިދާޅުވިޔަސް، ކޮންމެ ބޭފުޅަކު ވިދާޅުވިޔަސް އެއެއް [މަޖިލީހުގެ މެޖޯރިޓީއެއް] ނޯންނާނެ. އިރާދަ ކުރެއްވިއްޔާ ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެތާނގައި މެމްބަރުންގެ ގޮތުގައި އެ ތިއްބެވ،" ގާސިމް ވިދާޅުވި އެވެ.

އަދީބު ވިދާޅުވެފައި ވަނީ، މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީ ގެއްލުވާ ނުލެވޭނެ ކަަމަށެވެ. އަދި ޖޭޕީގެ މެންބަރުންތަކެއް ޕީޕީއެމްއަށް ސޮއި ކުރާނެ ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ. އަދި ގާސިމް މުޒާހަރާ ކުރަން ނިކުމެގެން އުޅެނީ ވެރިކަމުގެ ދަހިވެތި ކަމުގައި ބޭރުގެއެޖެންޓުން ތަކެއް ފައިސާ ދޭނެ ކަމަށް ބުނުމުން އެކަމުގެ ދަޅަޔަށް ހެއްލިގެން ކަމަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ގާސިމަށް މީގެ ކުރިން ގޯސްވި ނަޝީދުގެ ހުރިހާ ކަމެއް ރަނގަޅުވެ ތައުރީފް ކުރަން ފެށުމުން ރައްޔިތުން އެކަން ބަލައެއް ނުގަނެ އެވެ. މުޒާހަރާތަކަށް ވެސް ދަނީ އެންމެ 50 ހަކަށް މީހުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.