ހަބަރު

އަމިއްލައަށް އުފައްދާފައިވާ ބަޑިއެއް ލ. ގަމުން ފެނިއްޖެ

އަމިއްލައަށް އުފައްދާފައިވާ ބަޑިއެއް ލ. އަތޮޅުން ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އެ ހަތިޔާރު ފެނުނީ ލ. ގަމު ވަލުތެރޭގައި ފޮރުވާފައި އޮއްވައި ކަމަށެވެ. އެ ހަތިޔާރު ހޯދީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން ބުނީ އަމިއްލައަށް އުފައްދާފައިވާ އެ ބަޑި ފެނުމާ އެކު އެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ގަމުން ފެނުނު ބަޑިއާ އެކު އޭގައި ބޭނުންކުރާ އުންޑައެއް ފަދަ އެއްޗެއް ނުފެންނަ ކަމަށްވެ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އެ ބަޑި ތައްޔާރުކޮށްފައިވަނީ ގޭސް ބޭނުންކޮށްގެން ރޭޒާ ފުއް ޖަހާ ގޮތަށެވެ. އެ ބަޑި ފެނިފައިވަނީ ގަމުގައި މުންޑޫ އާއި ކަޅައިދޫ މީހުން އާބާދުވާ ސަރަހައްދުންނެވެ.

އަމިއްލައަށް އުފައްދާފައިވާ ބަޑިއެއް ލ. އަތޮޅުން ފުލުހުން ހޯދާފައިވާއިރު އަމިއްލައަށް އުފައްދާފައިވާ ބަޑިތަކެއް 2013 ގައި މާލޭގެ ގެއަކުން ފެނުނު މައްސަލައިގައި ދައުވާލިބޭ މީހުންގެ ތެރޭގައި ވެސް ލ. އަތޮޅަށް ނިސްބަތްވާ މީހަކު ހިމެނެ އެވެ. އޭރު ފެނުނު އެ ހަތިޔާރުތައް ވަރަށް ބާރުގަދަ ކަމަށްވެ އެވެ. އެ މައްސަލައިގައި ލ. އަތޮޅަށް ނިސްބަތްވާ އެ މީހާ އާއި އިތުރު މީހެއްގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

އަމިއްލައަށް އުފައްދާފައިވާ ބަޑިއެއް ފުލުހުންނަށް ލ. ގަމުން ހޯދިއިރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ވެސް ބަޑިއަކާއި ވަޒަނުގެ އިތުރުން ގޮވާ އެއްޗެއް މިދިޔަ މަހު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މައްސަލައާ ގުޅިގެން ނާޒިމް ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާކުރަން ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފަ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ހަނގުރާމަވެރި ހަތިޔާރު އަމިއްލައަށް އުފައްދައި، ގެންގުޅުމަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތު ޖަލު ހުކުމް ނުވަތަ އަރުވާލުމުގެ ހުކުމް އަންނާނެ ކުށެކެވެ.