ވިޔަފާރި

ސަރުކާރުގެ ޓޫރިޒަމް ކުންފުނީގެ ފައިދާއަށް 67 ޕަސެންޓް ކުރިއެރުމެއް

Jul 28, 2016
2

ސަރުކާރާއި ރައްޔިތުން ހިއްސާވާ، ސަރުކާރުގެ މައި ޓޫރިޒަމް ކުންފުނި، އެމްޓީޑީސީއަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު ފައިދާ މިއަހަރު ފުރަތަމަ ކުއާޓާއަށް ވުރެ، 67 ޕަސެންޓްގެ ކުރިއެރުމެއް ހޯދައިފި އެވެ.

އެމްޓީޑީސީ އިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 3.4 މިލިއަން ޑޮލަރު ލިބުނު އިރު، ވިޔަފާރީގެ ހަރަދުތަކަށާއި އެހެން ވެސް އިދާރީ ހަރަދުތަކަށް ފައިސާ އުނި ކުރުމަށް ފަހު އެ ކުންފުންޏަށް ވަނީ ފައިދާގެ ގޮތުގައި 2.2 މިލިއަން ޑޮލަރު ލިބިފަ އެވެ. އެއީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނު، 1.3 މިލިއަން ޑޮލަރަށް ވުރެ، 895،714 ޑޮލަރު އިތުރު އަދި، ފައިދާއަށް 67 ޕަސެންޓް ކުރިއެރުމެކެވެ.

މި ކުރިއެރުން ލިބުނު މައިގަނޑު ސަބަބެއް ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ، ކުންފުނީގެ ވިޔަފާރިތައް ހިންގުމަށް ކުރަން ޖެހުނު ހަރަދު، ބޮޑުތަނުން ދަށަށް ދިޔުމެވެ. އެގޮތުން ދެވަނަ ކުއާޓާގައި ވިޔަފާރި ހިންގުމުގެ ހަރަދު ވަނީ 999،706 ޑޮލަރަށް ދަށަށް ގޮސްފަ އެވެ. އަދި އިދާރީ ހަރަދުތައް ވެސް ވަނީ، 214،404 ޑޮލަރަށް ދަށަށް ގޮސްފަ އެވެ.

އެ ކުންފުނިން ފަސް ރަށެއް ބަލަހައްޓަމުން އަންނަ އިރު އޭގެ ތެރެއިން، ތިން ރަށެއްގައި އަންނަނީ ރިސޯޓް ހިންގަމުންނެވެ. ބާކީ ހުރި ރަށްރަށް އަދި ހަދައި ނުނިމެ އެވެ. އެކަމަކު އެ ހުރިހާ ރަށެއް ވެސް ވަނީ ބޭރުގެ ބްރޭންޑްތަކަށް ހިންގުން ހަވާލުކޮށްފަ އެވެ.

އެމްޓީޑީސީ އަކީ މީގެ ކުރިން ވަރަށް ބޮޑަށް ގެއްލުންވަމުން އައި ކުންފުންޏެކެވެ. އެހެން ނަމަވެސް، މިފަހުން ކުންފުންޏަށް ގެނައި އެކި ބަދަލުތަކާ އެކު ކުންފުނީގެ ވިޔަފާރި ވަނީ އަނެއްކާ ވެސް ރަނގަޅުވާން ފަށައިފަ އެވެ. އެހެން ނަމަވެސް އެ ކުންފުނިން ނުހެދި ހުރި ރަށްތަކާ ހުރެ އެ ކުންފުންޏަށް އެންމެ އެދެވޭ ފައިދާ ހޯދުމަށް ވަނީ އުނދަގޫވެފަ އެވެ.