ހަބަރު

ޖައިލަމްގެ ހަށިގަނޑުގައި ވަޅި ނަހަރާ އެންމެ ތަންކޮޅެއް ވެސް ނެތް

Feb 22, 2015

މާލޭގައި ރޭ ހިނގި މާރާމާރީއެއްގައި މަރުވި އުމުރުން 24 އަހަރުގެ މުހައްމަދު ޖައިލަމް މަރުވީ ކަރަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ. އަދި އޭނާގެ ގައިގެ އެތަން މިތަނަށް ތޫނު އެއްޗަކުން ހަމަލާދީ އެކީ އެކަށް ވަނީ ޒަހަމްކޮށްލައިފަ އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "އަވަސް" އަށް މިއަދު ވިދާޅުވީ އޭނާގެ ކަރަށް ވަޅި ހަރައި ކަރުގެ ނާރުތައް ބުރި ކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ބޮލަށް ލޭ ފޮނުވައިދިނުން ހުއްޓުނު ކަމަށް އައްފާލް ވިދާޅުވި އެވެ.

"[ޖައިލަމްގެ] ކަރަށް އެންމެ ބޮޑު ހަމަލާ އަމާޒުވީ. އޭނާގެ ކަރަށް ވަޅި ހަރައި ކަރުގެ ނާރުތައް ވަނީ ބުރި ވެފަ. އެހެންވީމަ ސިކުނޑިއަށް ލޭ ފޮނުވައި ނުދިނީ،" އޭނާ ވިދާޅުވި އެވެ.

ކަރަށް ހަމަލާއެއް އަމާޒުވިއިރު ޖައިލަމްގެ ފުރަގަހަށާއި ބަނޑަށް ވެސް ބޮޑެތި ޒަހަމް ތަކެއް ލިބިފައިވާ ކަމަށް އައްފާލް ވިދާޅުވި އެވެ. އެގޮތުން ފުރަގަހަށް ދިން ހަމަލާގައި ފުއްޕާމޭ އެއްކޮށް ހަލާކު ވެފައިވާ ކަމަށް ވެސް އައްފާލުް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ޖައިލަމްގެ އަތުގެ ހަތަރު ތަނަކަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވާއިރު ޖައިލަމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އައްފާލ؛ް ވިދާޅުވި އެވެ އެވެ.

.ޖައިލަމް ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލީ ހ. ހަންޑްރެޑް ފްލާވާސް ދޮރުމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިންދާ ބާރަށް ދުއްވާފައި އެ މަގަށް ސައިކަލުތަކެއްގައި ވަން ހަތަރު މީހުންނެވެ. ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.