ހަބަރު

ސިވިލް ކޯޓުގެ ޑިވިޝަންތަކަށް ފަނޑިޔާރުން ކަނޑައަޅައިފި

Feb 22, 2015

ސުޕްރީމް ކޯޓުގެ ސާކިއުލާއަކުން އުފައްދާފައިވާ ސިވިލް ކޯޓުގެ ފަސް ޑިވިޝަނަށް ފަނޑިޔާރުން ކަނޑައަޅައިފި އެވެ.

އެ ސާކިއުލާގެ ދަށުން އުފެދުނީ ޑިސްޕިއުޓް ރިޒޮލިއުޝަނާ ބެހޭ ޑިވިޝަނަކާއި މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަ ބަލާ ޑިވިޝަނަކާއި މުދަލާއި ފައިސާގެ ކުދި މައްސަލަތަކާއި އަވަސް ނިޔާގެ މައްސަލަ ބަލާ ޑިވިޝަނެއްގެ އިތުރުން އިދާރީ މައްސަލަ ބަލާ ޑިވިޝަނަކާއި ހުކުމް ތަންފީޒުކުރާ ޑިވިޝަނެކެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް ކަނޑައަޅާފައިވަނީ ގާޒީ މަރިޔަމް ނިހާޔަތާއި ގާޒީ ފަރުހާދު ރަޝީދުގެ އިތުރުން ގާޒީ އަބްދުﷲ ޖަމީލު މޫސާ އެވެ.

މުދަލާއި ފައިސާއާ ބެހޭ ކުދި މައްސަލަތަކާއި އަވަސް ނިޔާގެ ބަލާ ޑިވިޝަނަކަށް ކަނޑައަޅާފައިވަނީ ގާޒީ ހުސައިން މަޒީދާއި ގާޒީ މުހައްމަދު ހަލީމްގެ އިތުރުން ގާޒީ އަބްދުއްނާސިރު ޝަފީގެވެ. މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަ ބަލާ ޑިވިޝަނަށް ހަމަޖައްސާފައިވަނީ ގާޒީ ހާތިފް ހިލްމީ އާއި ގާޒީ އަލީ ނަސީރެވެ.

އިދާރީ މައްސަލަތަކާ ބެހޭ ޑިވިޝަނަށް ގާޒީ އަބްދުﷲ އަލީ އާއި ގާޒީ އަލީ އަބްދުﷲ ހަމަޖައްސާފައިވާއިރު ހުކުމް ތަންފީޒުކުރާ ޑިވިޝަނަށް ކަނޑައަޅާފައިވަނީ ގާޒީ ހަސަން ފަހީމާއި ގާޒީ ޒުބައިރު މުހައްމަދެވެ.

އެ ބޭފުޅުންގެ ތެރެއިން ހަސަން ފަހީމާއި އަލީ އަބްދުﷲ އާއި މުހައްމަދު ހަލީމްގެ އިތުރުން އަބްދުއްނާސިރު ޝަފީގަކީ މިދިޔަ ހަފުތާގައި އެ ކޯޓަށް އައްޔަންކުރި ފަނޑިޔާރުންނެވެ.