ހަބަރު

އޮމާން އާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

Sep 27, 2016

އޮމާން އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާކޮށްފި އެވެ. މި މަޝްވަރާކޮށްފައިވަނީ އޮމާންގެ މަޖިލިސް އައްޝޫރާގެ ޗެއާމަން، ޝައިހް ހާލިދު ބިން ހިލާލް އަލް މައްވަލީ، ރައީސް އަބްދުﷲ ޔާމީންގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސްގެ އަމިއްލަ ނަންފުޅުގައި، އޮމާންގެ ސަރުކާރާއި ރައްޔިތުންނަށް އަދި ހާއްސަކޮށް އޮމާންގެ ރަސްގެފާނު ސުލްތާން ގަބޫސް ބިން ސައީދަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެއާއި އޮމާންއާ ދެމެދުގައި ގާއިމްވެފައިވާ އަހުވަންތަ ގުޅުމަކީ ދީން ރައްކާތެރިކުރުމުގެ މައްޗަށާއި، އިސްލާމް ދީނުގެ ރިވެތި އާދަތައް ކުރިއެރުވުމުގެ މައްޗައް ބިނާވެފައިވާ މުހިއްމު ގުޅުމެއްކަން ފާހަގަކުރައްވާފައެވެ.

އޮމާންގެ މަޖިލިސް އައްޝޫރާގެ ޗެއާމަންއާއި، ރައީސްއާ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އޮމާންއާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، ކުރިއަށް އޮތްތާނގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އޮމާންގެ މަޖިލިސް އައްޝޫރާއާ ދެ ފަރާތުގެ އެއްބާރުލުން އެއް ބަޔަކު އަނެއް ބަޔަކަށް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެބޭފުޅުން ވެސް ދެއްވިއެވެ.

މަޖިލިސް އައްޝޫރާގެ ޗެއާމަން ވަނީ އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ދެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއާއި އޮމާންއާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.