ހަބަރު

ހުކުރު ދުވަހުގެ މުޒާހަރާއިން ޑިމޮކްރަސީ އޮތްކަން ހާމަވެއްޖެ: މައުމޫން

Mar 1, 2015

އެއްވެސް ހުރަހެއް ނެތި އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި ބޮޑު މުޒާހަރާއެއް ބޭއްވުމަކީ، ރާއްޖޭގައި ޑިމޮކްރަސީ އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމަށް ސަރުކާރުން އެއްވެސް ހުރަހެއް އަޅާފައި ނުވާ ކަމަށާއި އެ މީހުން މުޒާހަރާ ކުރީ މިނިވަން ކަމާ އެކު ކަމަށެވެ. އެކަމުން ދޭހަކޮށްދޭނީ ރާއްޖޭގައި ޑޮމޮކްރަސީ އޮތްކަން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"މިކަމަށް ޓަކައި ރައީސް އަބްދުﷲ ޔާމީންނަށް ޝުކުރު ދަންނަވަން،" މައުމޫން ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލައި އެބޭފުޅުންގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ނެގުމަށް ގޮވާލައި ކުރި މުޒާހަރާއަށް އެތައް ހާސް ބަޔަކު ޖަމާވި އެވެ. މަޖީދީ މަގު އެއްކޮޅުން އަނެއްކޮޅަށް މީހުން ފުރި ބާރުވެފައި އޮތް މުޒާހަރާގައި އެ މީހުން ސަރުކާރަށް ވަނީ 13 ޑިމާންޑެއް ކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެ ޑިމާންޑްތަކަކީ ސަރުކާރާ ގުޅުން ހުރި ކަންތައްތަކެއް ނޫން ކަމަށާއި އެކަމުގައި ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ.