ހަބަރު

ނާޒިމް ޝަރީއަތް އާންމުކޮށް ހުޅުވާލައިގެން ބާއްވަން އެދެފި

Mar 1, 2015

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރާ ޝަރީއަތް، އާންމުކޮށް ހުރިހާ ފަރާތްތަކަށް ވެސް ވަދެވޭނެ ގޮތަށް ހުޅުވާލައިގެން ބޭއްވުމަށް ޕްރޮސިކިއުޓާ ޖެނެރަލާއި ރައީސް އަބްދުﷲ ޔާމީންގެ ކިބައިން އޭނާ މިއަދު އެދިވަޑައިގެންފި އެވެ.

ނާޒިމް ސޮއި ކުރައްވައި، ޕީޖީ އަށާއި ރައީސް ޔާމީނަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ހަނގުރާމަވެރި ހަތިޔާރު ގެންގުޅުއްވި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ޝަރީއަތަކީ ހަދާފައިވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކުރެވޭ ޝަރީއަތެއް ކަމަށް ގަބޫލު ކުރައްވައި ކަމަށާއި އެކަން ކޯޓުގައި ވެސް ޕީޖީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

ނަމަވެސް އެކަމަށް ޕީޖީ މިހާތަނަށް ވެސް ރިއާޔަތް ކުރައްވާފައި ނުވާތީ، ގެއްލެމުން ދާ ހައްގުތައް ހިމާޔަތް ކޮށް، އިންސާފުވެރި ޝަރީއަތެއް ހޯދޭނެ ހަމައެކަނި ގޮތަކީ އެ ޝަރީއަތަކީ އާންމުކޮށް ހުޅުވާލެވިގެން އެންމެންނަށް ހާމަކޮށް ބޮޑު ގޮތެއްގައި ބޭއްވޭ ޝަރީއަތަކަށް ވެގެން ކަމަށެވެ.

"ވީމާ މަނިކުފާނު އަޅުގަނޑުގެ މައްޗަށް ކުރައްވާފައިވާ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލެވިގެން ގިނަ ބަޔަކަށް އަޑުއަހަން ވަދެބޭ ގޮތަށް ދަރުބާރުގެ މާލަމެއްގައި ނުވަތަ ޖާގައިގެ ދަތިކަން ނެތް އެހެން މާލަމެއްގައި ބާއްވަމުން ގެންދަވާ ޝަރީއަތުގެ އަޑުއެހުންތަކެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި ދެންނެވީމެވެ،" ނާޒިމްގެ ސިޓީގައިވެ އެވެ.

ދައުލަތުގައި އެފަދަ ފޯރުންތެރިކަމެއް ނެތް ނަމަ، އެފަދަ ޝަރީއަތެއް ބޭއްވޭނެ ހޯލެއް ހިފުމާއި ކުރަން ޖެހޭ އެހެން ވެސް ހަރަދުތައް އޭނާގެ އަމިއްލަ ޖީބުން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް މިފަދަ މުހިންމު ޝަރީއަތްތައް ވަނީ އާންމުކޮށް ހުޅުވާލައިގެން ބާއްވައިފަ އެވެ. އަދި މި ދައުވާއަކީ ވެސް އާންމުންގެ ގިނަ ބައެއްގެ މަސްލަހަތާއި ކަންބޮޑުވުން އޮތް ޝަރީއަތެއް ކަމަށް ވެސް ނާޒިމް ވަނީ އެ ސިޓީގައި ވިދާޅުވެފަ އެވެ.