ހަބަރު

އިދިކޮޅުގެ ޑިމާންޑްތަކާއެކު ރައީސާ ބައްދަލުކުރަން ނިންމައިފި

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން އުފައްދާފައިވާ އިދިކޮޅު ކޯލިޝަންގެ ޑިމާންޑްތައް ސަރުކާރަށް ހުށަހަޅައި، ރައީސް އަބްދުﷲ ޔާމީނާއި ކަމާބެހޭ މުއައްސަސާތަކާ ބައްދަލުކުރަން އެ ދެ ޕާޓީން ނިންމައިފި އެވެ.

ދެ ޕާޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އެ ޕާޓީން ސަރުކާރަށް ކުރާ ޑިމާންޑްތައް މާދަމާގެ ވަގުތެއްގައި ލިޔުމުން ހުށަހަޅައި، ރައީސް ޔާމީނާ ބައްދަލުކުރަން އެދޭނެ ކަމަށެވެ. އަދި ކަމާބެހޭ އެހެން މުއައްސަސާތަކާ ވެސް އެކަމުގައި ބައިވެރިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"މި ނިންމުންތަކާ ގުޅިގެން ބައްދަލުކުރަންޖެހޭ ހުރިހާ މުއައްސަސާތަކާ ބައްދަލުކުރަން އަޅުގަނޑުމެން އެދޭނަން، މާދަމާގެ ރަސްމީ ގަޑި ފެށުމާ އެކު މި ރިކުއެސްޓްތައް އެ މުއައްސަސާތަކަށް ދާނެ." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވާ ޖަލްސާ މާދަމާ އޮތްއިރު މަޖިލީހުގައި އަމަލުކުރާނެ ގޮތެއް ނިންމާނީ އެ ދެ ޕާޓީގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން ކަމަށާއި އެ ބާރު އޮންނާނީ އެ ފަރާތްތަކަށް ކަމަށެވެ. އަދި މިރޭ ދެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން އެކަމުގައި ގޮތެއް ނިންމާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ބޭއްވި ބޮޑު އެއްވުން ނުނިމެނީސް އެ އެއްވުމުގެ ޑިމާންޑްތައް އަޑުއަހާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމަކީ އުފާ ކުރާ ކަމެއް ކަމަށެވެ. އަދި އެ އެއްވުމަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.