ހަބަރު

ބޭންކްތަކުން ބަހައްޓަން ޖެހޭ ރިޒާވް އަދިވެސް ކުޑަކުރާނަން: ރައީސް

ރާއްޖޭގައި ވިޔަފާރި ކުރާ ބޭންކްތަކުން، މަރުކަޒީ ބޭންކް، އެމްއެމްއޭގައި ބަހައްޓަން ޖެހޭ ރިޒާވް ފައިސާގެ މިންވަރު އިތުރަށް ކުޑަކުރުމުގެ ވިސްނުން ސަރުކާރުގައި އެބަހުރި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ބޭންކްތަކުން އާންމު ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ މިންވަރު އިތުރު ކުރުމަށް ސަރުކާރުން އިސްކަން ދޭ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ބޭންކްތަކުން އެމްއެމްއޭގައި ބަހައްޓާ ރިޒާވް، 25 ޕަސެންޓުން 20 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މިއަހަރު ވެސް ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ބޭންކުތަކުން ބަހައްޓަން ޖެހޭ ރިޒާވް ކުޑަކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 10.5 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ. އަދި ސަރުކާރަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް މިއަހަރު އާ ފިޔަވަޅުތައް އަޅާފައިވާ އިރު މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓް ހުރީ، އޭގެ ކުރީ އަހަރަށް ވުރެ ކުޑަކުރެވި، 1.6 ބިލިއަން ރުފިޔާގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ބާޒާރާއި ތެލުގެ އަގަށް އައި ބަދަލާ އެކު ރާއްޖޭގެ އިންފްލޭޝަން ވެސް ހުރީ 2.4 ޕަސެންޓްގައި ހިފެހެއްޓިފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިދިޔަ އަހަރު ލިބުނު ބޭރު ފައިސާގެ މިންވަރު އިތުރުވުމާ އެކު، ޑޮލަރުގެ ކަޅު ބާޒާރު ފިލައިގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެސްއީޒެޑްތަކަށް އިންވެސްޓް ކުރާނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތްތައް ވެސް ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް އައިސް، ގިނަ ވަޒީފާގެ ފުރުސަތުތައް އުފެދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރަކީވެސް، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި އާ ކުރިއެރުންތަކެއް ހޯދާނެ އަހަރަކަށް ވެގެންދާނެ. ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުން ގެންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފެނިގެންދާނެ އަހަރަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން ޒުވާނުންނަށް ވިޔަފާރި ކުރުމަށް ލޯނު ދޫކުރުމުގެ ޕްރޮގްރާމް ފެށިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ދަނޑުވެރިންގެ ކޯޕަރޭޓިވްތަކެއްގެ ތެރެއިން ފަސް ކޯޕަރޭޓިވް ފެއްދުމަށް ފައިސާ ދޫކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ކޯޕަރޭޓިވްގެ މަސައްކަތް ފެށި އާ ޕްރޮޑަކްޓްތަކެއް ބާޒާރަށް ނެރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.