ހަބަރު

ނަޝީދުގެ އިޖްރާއީ ނުކުތާތައް ޝަރީއަތަށް ބަލައެއް ނުގަތް، ދިފާއީ ހެއްކަކަށް ޕީޖީގެ ނަން

Mar 2, 2015

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ނަޝީދުގެ ފަރާތުން ނެގި ދެ އިޖްރާއީ ނުކުތާ ވެސް ބަލައިނުގަނެ، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ މިރޭގެ ޝަރީއަތުގައި ނަޝީދުގެ ވަކީލުންގެ ފަރާތުން ނެގި އެއް ނުކުތާއަކީ އެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ތަހުގީގަށް ބަޔާން ދީފައިވާތީ އެ މައްސަލަ ބެލުމުން ދުރުވާންޖެހޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެކެވެ. އަނެއް ނުކުތާއަކީ ދައުވާއެއް އަނބުރާ ގެންދިއުމަށް ފަހު އެ ދައުވާއެއް އަލުން ހުށަނޭޅޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.

އެ ދެ ނުކުތާއާ މެދު ދެ ފަރާތުން ބަހުސް ކުރުމުން އެ ނުކުތާތަކާ މެދު ގޮތެއް ނިންމަން އަޑުއެހުން މެދުކަނޑާލުމަށް ފަހު އަލުން ފަށައި، ފަނޑިޔާރުން އިއުލާން ކުރެއްވީ އެ ދެ ނުކުތާގައި ވެސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް ކަމަށާއި އެހެންވެ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެ ނުކުތާތަކާ މެދު ފަނޑިޔާރުން ބެންޗުގެ ނިންމުން އިއުލާން ކުރައްވަމުން އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެ ބެންޗުގައި ހިމެނޭ އެއްވެސް ފަނޑިޔާރަކު ހެއްކެއްގެ ގޮތުގައި ހުށަނޭޅޭނެ ކަމަށް ބެންޗުން ނިންމާފައިވާނެ ކަމަށެވެ. އަދި ފަނޑިޔާރަކު ހެކިބަސް ދޭން ޖެހިއްޖެ ނަމަ މައްސަލަ ބެލުމާއި ހެކިބަސް ދިނުމާ ދެކަމުގެ ތެރެއިން އެ މީހަކު ބޭނުންވާ ކަމެއް އިހްތިރާމް ކުރެވިދާނެ ކަމަށާއި އެހެންވެ އެ ދެ ފަނޑިޔާރުން ވެސް ނިންމާފައިވަނީ މައްސަލަ ބަލަން ކަމަށް ގާޒީ އަބްދުﷲ ވިދާޅުވި އެވެ.

އެ މައްސަލައިގެ ތަހުގީގަށް ބަޔާން ދީފައިވަނީ އެ ބެންޗުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ ދީދީ އާއި އެ ބެންޗުގައި ހިމެނޭ ގާޒީ އަބްދުލްބާރީ ޔޫސުފެވެ.

ދައުވާ އަނބުރާ ގެންދިއުމަށް ފަހު އަލުން ހުށަނޭޅޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން ގާޒީ އަބްދުﷲ ވިދާޅުވީ ދައުވާ އަލުން ހުށަނޭޅޭނެ ކަމަށް ބުނާ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި އެގޮތަށް ކުރިން ވެސް އަމަލުކުރަމުންދާ ކަމަށާއި ހައި ކޯޓުން ވެސް އެގޮތަށް ނިންމާފައިވާ ކަމަށް ގާޒީ އަބްދުﷲ ވިދާޅުވި އެވެ.

އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމާ އެކު ދެން މިރޭ ކުރިއަށް ގެންދިޔައީ ދެ ފަރާތުން ހެކި ހުށަހެޅުމެވެ. ދައުލަތުން ނަޝީދާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހެޅިއިރު ހެކި ހުށަހެޅީ ހަތަރު ކަމެއް ސާބިތުކުރަން ކޮންމެ ކަމަކަށް ވަކިވަކިންނެވެ. އެ ހަތަރު ކަމަކީ އަބްދުﷲ ގާޒީ ބަންދުކުރަން ނަޝީދު ނިންމެވި ކަމާއި އެގޮތަށް އަމުރު ކުރެއްވިކަމުގެ އިތުރުން ސިފައިން މެދުވެރިކޮށް އޭނާ ހައްޔަރު ކުރިކަމާއި އޭނާ ގިރިފުށީގައި ބެހެއްޓިކަން ސާބިތު ކުރުމަށެވެ.

އެ ހަތަރު ކަންތައް ސާބިތު ކުރަން ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި އޭރުގެ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް އަތީފާއި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމާއި ސިފައިންނާއި ފުލުހުންގެ އިސް އޮފިސަރުން ވެސް ހިމެނެ އެވެ. އަދި ވީޑިއޯ އާއި އޯޑިއޯގެ އިތުރުން ބައެއް ޑޮކިއުމެންޓްތައް ވެސް ދައުލަތުން ނަޝީދާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހެޅި އެވެ.

ނަޝީދުގެ ފަރާތުން ވެސް ވަނީ މިރޭ ވަނީ ދިފާއީ ހެކިން ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އިތުރު ތިން ބޭފުޅަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ހެކި ހުށަހަޅައި ނިމުމުން ނަޝީދުގެ ވަކީލުން ވަނީ ދައުލަތުގެ ހެކިންގެ ބަޔާންތައް ދިރާސާކުރަން 30 ވަރަކަށް ދުވަސް ދޭން އެދިފަ އެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުﷲ ވިދާޅުވީ އެކަމާ މެދު މާދަމާ ގޮތެއް ނިންމުމަށް ފަހު އަންގަވާނެ ކަމަށެވެ.