ހަބަރު

ގާޒީ ބަންދު ކުރީ ނަޝީދުގެ އަމުރަށް: ތޮލްހަތުގެ ވަކީލް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދު ކުރަން އަމުރުކުރީ އޭރުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ ވަކީލް މިރޭ ކޯޓުގައި ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ތޮލްހަތުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިރޭގެ އަޑުއެހުމުގައި އޭނާގެ ވަކީލް ވިދާޅުވީ އަބްދުﷲ ގާޒީ ބަންދުކުރީ ނަޝީދުގެ އަމުރަށް ކަމަށާއި އެ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހުރީ އޭރުގެ މާލޭ އޭރިއާގެ ކޮމާންޑަރު އިބްރާހިމް ދީދީ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ހުރިހާ ކަމެއް ރާވައި، ހިންގީ ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ނަޝީދު ކަމަށް ވެސް ތޮލްހަތުގެ ވަކީލް މިރޭ ވިދާޅުވި އެވެ.

ތޮލްހަތު މިރޭ ވަނީ ސިފައިންގެ ބެލުމުގެ ދަށުން އަބްދުﷲ ގާޒީ ގިރިފުށީގައި ބެހެއްޓިކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެ އޮޕަރޭޝަންގެ އެއްވެސް ކަމެއްގައި އޭނާ އެއްވެސް އަމުރެއް ކޮށްފައިނުވާނެ ކަމަށް ތޮލްހަތުގެ ވަކީލް ވިދާޅުވި އެވެ.