ހަބަރު

ބުލީ ކުރުމާ ދެކޮޅަށް ހާއްސަ ކެމްޕޭނެއް ކެޕްސް އިން ފަށައިފި

ބުލީ ކުުރުމާ ދެކޮޅަށް ހާއްސަ ކެމްޕޭނެއް ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮއިޓީ (ކެޕްސް) އިން ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަސްމީކޮށް ލޯންޗުކުރި މި ކެމްޕޭންގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކެޕްސް އިން ބުނީ މި ކެމްޕޭނަކީ އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިވެ އެއްކުއްޖަކު އަނެއް ކުއްޖަކާއި ގުޅުން ބަދަހިކޮށް ބުލީ ކުރުމާ ދެކޮޅަށް މަސައްކަތްކޮށް ބުލީ ކުރުން ހުއްޓުވާ ބުލީ ކުރުމުން ލިބޭ ގެއްލުން ގެއްލުންތައް ވިސްނައިދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ.

މި ކެމްޕޭން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފަސް ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން މާލޭގައި އަދި އަތޮޅު ތެރޭގައި ބުލީ ކުރުމާ ދެކޮޅު ބިލް ބޯޑުތައް ހަރުކުރަން ނިންމާފައިވާއިރު ދެވަނަ ފިޔަވަހީގައި ޓީވީ އާއި މީޑިއާ މެދުވެރިކޮށް މި ކެމްޕޭން ޕްރޮމޯޓުކުރަން ވަނީ ނިންމާފަ އެވެ. ކެޕްސް އިން ބުނީ ތިން ވަނަ ފިޔަވަހީގެ ދަށުން ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިން ބުލީ ކުރުމާ ދެކޮޅަށް ހޭލުންތެރިކުރުުވާނެ ކަމަށާއި ހަތަރު ވަނަ ފިޔަވަހީގައި ސްކޫލްތަކުގެ ދަރިވަރުން ބުލީ ކުރުމާ ދެކޮޅަށް ހޭލުންތެރިކުުރުވާނެ ކަމަށެވެ. އަދި ފަސް ވަނަ ފިޔަވަހީގެ ދަށުން ގޭގެއަށް ގޮސް ބުލީ ކުރުމާއި ބެހޭގޮތުން އާންމުންނަށް މައުލޫމާތު ދީ ހޭލުންތެރި ކުރާނެ ކަމަށެވެ.

ބުލީ ކުރުމުގެ މައްސަލަ ދުވަހެއް ދުވަހަކަށް ރާއްޖޭގައިވެސް އިތުރުވަމުން އަންނައިރު އެންމެ ޅައުމުރުން ފެށިގެން ކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަސްކޮށްދީ ބުލީ ކުރުމާބެހޭ ގޮތުން ކުދިން ހޭލުންތެރިކުރަން ޖެހެ އެވެ.