ހަބަރު

އަބްދުﷲ ގާޒީ ހައްޔަރުކުރަން ނިންމި ކަމަށް ތޮލްހަތު ވިދާޅުވި: ޝިޔާމް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރަން ސަރުކާރުން ނިންމި ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވިދާޅުވި ކަމަށް މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ތޮލްހަތުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެމުން ޝިޔާމް ވިދާޅުވީ ގާޒީ ބަންދު ކުރުމުގެ ކުރިން އޭނާ ހައްޔަރު ކުރަން ނިންމި ވާހަކަ ތޮލްހަތު ވިދާޅުވީ ސިފައިންގެ އިސް އޮފިސަރުންތަކާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. ތޮލްހަތު އެގޮތަށް ވިދާޅުވުމުން އެ ބައްދަލުވުމުގައި ތިބި ބައެއް އޮފިސަރުން އެކަމާ ދެކޮޅު ހެދި ކަމަށާއި އެކަމުގެ ތެރެއަށް ސިފައިން ވަންނަން ނުޖެހޭނެ ކަމަށް ބައެއް އޮފިސަރުން ބުނި ކަމަށް ވެސް އޭރު ކޯސްޓްގާޑްގެ ކޮމާންޑަރަކަށް ހުންނެވި ޝިޔާމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހިސާބުން ފެށިގެން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ޝިޔާމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން ނަޝީދާއި ތޮލްހަތު ސިފައިންގެ އިސް އޮފިސަރުންތަކާ ބައްދަލުވުމެއް ބޭއްވި އެވެ. ގާޒީ ބަންދު ކުރުމާ މެދު އެ ބައްދަލުވުމުގައި ވެސް ސިފައިންގެ ބައެއް އޮފިސަރުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވި ގޮތުގައި 40 އަހަރު ވަންދެން ޖަލުގައި އޮންނަން ޖެހުނަސް ޒިންމާ ނަގަން ކެރޭނެ ކަމަށް ތޮލްހަތު ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދެވަނައަށް ހެކިބަސް ދިނީ އަބްދުﷲ ގާޒީ ގިރިފުށީގައި ބަންދުކޮށްފައި ހުރިއިރު އޭނާގެ ސިއްހީ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި އެމްއެންޑީއެފްގެ ޑޮކްޓަރު އަލީ ޝާހިދެވެ. ހެކިބަސް ދެމުން އޭނާ ވިދާޅުވީ ގިރިފުށްޓަށް އޭނާ ދިޔައީ އެ މައްސަލައިގައި ދައުވާލިބޭ ކާނަލް މުހައްމަދު ޒިޔާދުގެ އެންގުމުގެ މަތިން ގާޒީގެ ސިއްހީ ކަންކަން ބަލަހައްޓަން ކަމަށެވެ.

ޝާހިދު ވިދާޅުވީ އޭނާ ގިރިފުށީގައި ހުއްޓާ ތޮލްހަތު ވަނީ އަބްދުﷲ ގާޒީގެ ކަންކަން ބަލަން އޭނާ ގުޅައިފަ އެވެ. އަދި ސިފައިންގެ ފަރާތުން ދިޔަ ސައިކޮލޮޖިސްޓް އައިޝަތު ޒީނާ ގާޒީ އާ ބައްދަލުކުރަން އުޅުމުން އެކަމަށް އޭނާ ދެކޮޅު ހެދި ކަމަށާއި ނަމަވެސް ގާޒީ އާ ބައްދަލު ކުރަން ޒީނާއަށް ފުރުސަތު ދޭން ތޮލްހަތު މެސެޖަކުން ވެސް އޭނާއަށް އެންގެވި އެވެ.

އެ ދެ ބޭފުޅުންގެ ހެކިބަސް ނެގުމަށް ފަހު މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެ ވަކި ދުވަހެއް އިއުލާން ކުރުމެއް ނެތި އެވެ.