ހަބަރު

ޗައިނާގެ ނުފޫޒު ކުޑަކުރަން އިންޑިއާ އިން ރާއްޖެ އަށް އެހީ ހުށަހަޅަނީ

Mar 6, 2015
2

މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވަމުން ދާތީ ރާއްޖެ އާއި މި ސަރަހައްދުގެ ޖަޒީރާ އެހެން ގައުމުތަކަށް އަސްކަރީ އަދި މަދަނީ ބޮޑެތި އެހީތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ހުށަހަޅުއްވާނެ ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުުގެ އޮފިޝަލުންނާ ހަވާލާދީ އިކޮނޮމިކް ޓައިމްސް އިން ބުނީ އަންނަ ހަފުތާގައި ރާއްޖެ އާއި މޮރިޝަސް އާއި ސްރީ ލަންކާ އާއި ސީޝެލްސް އަށް މި އެހީތައް ހުށަހަޅުއްވާނެ ކަމަށެވެ. އެއީ މި ގައުމުތަކަށް މޮދީ ކުރައްވާ ދަތުރުފުޅުގަ އެވެ. އެ ނޫހުގައި ބުނެފައި ވަނީ ސަރަހައްދުގައި ޗައިނާގެ އިން ބޮޑެތި އިންވެސްޓްތައް ކޮށް ކުދި ގައުމުތަށް ޗައިނާ އަށް ބަރޯސާވާން ޖެހޭ ހިސާބަށް ގޮސްފައި ވަނީ އިންޑިއާގެ ކުރީގެ ސަރުކާރުތަކުން ކުދި ގައުމުތަކަށް ދޭންޖެހޭ ސަމާލުކަން ނުދިނުމުން ކަމަށް މޮދީގެ ސަރުކާރުން ދެކޭ ކަމަށެވެ.

"މި ސަރަހައްދުުގެ ސަލާމަތަށް ޒިންމާވާންޖެހޭ ގައުމެއްގެ ގޮތުން އިންޑިއާ އިން އަދާކުރަންޖެހޭ ދައުރުތަކެއް އެބަހުރި،" މި މަހުގެ 10 ވަނަ ދުވަހު ފައްޓަވާ ދަތުރުފުޅުގެ ތައްޔާރީތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ޑިފެންސް އޮފިޝަލަކާ ހަވާލާދީ ބުނެފައިވެ އެވެ.

އޮފިޝަލް ވިދާޅުވެފައި ވަނީ ކަނޑުގެ ސަރަހައްދު ބަލަހައްޓާ އުޅަނދުތަކާއި ރާޑަރު ފަދަ ތަކެތި ގައުމުތަކަށް ދޭން ހުށަހަޅުއްވާނެ ކަމަށެވެ.

އެހެން ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޓެރަރިސްޓު ޖަމާއަތްތަކުގެ ހަރަކާތްތައް މި ސަރަހައްދުގައި އިތުރުވަމުން ދާތީ އެކަމަށް އަމާޒުކޮށް ވެސް އިންޑިއާ އިން ގައުމުތަކަށް އެހީވާން ވަނީ ނިންމައިފަ އެވެ.