ހަބަރު

ނަޝީދުގެ ޝަރީއަތާ އެއްކޮޅަށް ސައިކަލް ބުރެއް ބާއްވަނީ

Mar 6, 2015

"އަހަރުމެން ބޭނުމީ"އިންސާފު ކަމަށް ބުނެ، ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތާ އެއްކޮޅަށް ސައިކަލް ބުރެއް ބޭއްވުމަށް ނިންމައިފި އެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ބާއްވާ އެ ސައިކަލް ބުރު ފަށަނީ މާދަމާ ހަވީރު 3:45 ގައި ރާޅުގަނޑު ސަރަހައްދުންނެވެ. އެ ސައިކަލް ބުރުގައި ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް އަވަސް ކުރުމަށް ގޮވާލައި އަޑުއުފުލާނެ އެވެ. އަދި ރައީސް ނަޝީދު ކުރެއްވި ކުށްތަކަށް އިންސާފު ހޯދުން އަވަސް ކުރުމަށް ވެސް އަޑުފުލަން ވަނީ ނިންމައިފަ އެވެ.

"މިއީ ކުރީގެ ރައީސް ނަޝީދު ހިންގަވާފައިވާ ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ޒުވާނުން އަޑުއުފުލުމުގެ ހަރަކާތެއް. މިއީ އިންސާފަށް ގޮވާލުން،" އެ ހަރަކާތުގައި އިސްކޮށް އުޅޭ ޒުވާނަކު ބުންޏެވެ.

ސަރުކާރަށް ތާއީދު ކުރާ ޒުވާނުންތަކެއް އެކުވެގެން މިދިޔަ ބުދަ ދުވަހު ހަވީރު ވެސް ވަނީ ހިނގާލުމެއް ބާއްވައިފަ އެވެ. އެ ހިނގާލުމުގައި ވެސް ރައީސް ނަޝީދުގެ ޝަރީއަތް އަވަސް ކުރުމަށް ވަނީ ގޮވާލައިފަ އެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެއްވުންތައް ބާއްވާއިރު، ރައީސް ނަޝީދު ހައްޔަރު ދޫކޮށްލުމަށް އެމްޑީޕީން އަންނަނީ ކޮންމެ ދުވަހަކު މުޒާހަރާ ކުރަމުންނެވެ.