ވިޔަފާރި

ލަންކާގައި "ސަން ސިޔާމް" ބްރޭންޑްގެ ރިސޯޓެއް ހުޅުވައިފި

Mar 7, 2015
2

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) ގެ "ސަން ސިޔާމް" ބްރޭންޑްގެ ރިސޯޓެއް އަވައްޓެރި ސްރީލަންކާގައި ހުޅުވައިފި އެވެ.

ލަންކާގައި ސަން ސިޔާމްގެ ވިޔަފާރި ފުޅާކުރަން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ސަން އަކުވާ ބްރޭންޑުގައި ތަރައްގީކޮށްފައިވާ މި ރިސޯޓު ހަދާފައިވަނީ ލަންކާގެ ޕަސިކުޑާގަ އެވެ.

 

މަތީ ފަންތީގެ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ތަރައްގީ ކޮށްފައިވާ މި ރިސޯޓުގައި 34 ސުވިޓް އާއި ދެ ގާޑަން ޕެވެލިއަން ހަދާފައިވެ އެވެ. ލަންކާގެ ހިތްގައިމު ދޮންވެލީގެ ގޮނޑުދޮށް އޮންނަ ހިސާބުގައި ތަރައްގީކޮށް ހުޅުވި މި ރިސޯޓުގައި ހާއްސަ ސުވިމިން ޕޫލެއް ވެސް ހުރެ އެވެ. މީގެ އިތުރުން މި ރިސޯޓުގައި ހިތްގައިމު ދެ ރެސްޓޯރެންޓާއި ބާ އަދި ގިމް އާއި ސްޕާ އަދި ބިއުޓީ ސެލޫނެއް ވެސް ހުރެ އެވެ.

ސަން އަކުވާ ޕަސިކުޑަ ބްރޭންޑުގެ މި ރިސޯޓަކީ މި ބްރޭންޑުން ލަންކާގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. އަދި އަންނަ އަހަރު ވެސް އިތުރު ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކުރިން ސަން ޓްރެވަލްގެ ނަމުގައި ހިންގަމުން ގެންދިޔަ ކުންފުނީގެ ނަން "ސަން ސިޔާމް" ގެ ނަމަށް ބްރޭންޑް ކޮށްފައިވަނީ މިދިޔަ އަހަރެ އެވެ. ސަން ސިޔާމް އިރުފުށި ރިސޯޓް ހިންގަނީވެސް މިހާރު މި ބްރޭންޑުންނެވެ.