ހަބަރު

ރޭ ގާޒީ ބާރީއާ ބައްދަލެއް ނުކުރަން، އެކަން ސާބިތުކޮށްދީފިނަމަ އިސްތިއުފާ ދޭނަން: މުހުތާޒް

Mar 9, 2015
3

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފާއި އެއް މޭޒަކުން ރޭ ބައްދަލު ކުރިކަން ސާބިތުކޮށްދީފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން މިއަދު ވިދާޅުވެއްޖެ އެވެ.

މުހުތާޒް ގާޒީ ބާރީއާ ބައްދަލު ކުރަ ކަމަށާއި އެ މަންޒަރު ވީޑިއޯކުރި ރާއްޖެ ޓީވީގެ ނޫސްވެރިއަކު ފުލުހުން ރޭ ހައްޔަރުކުރި ކަމަށް ރާއްޖެ ޓީވީއިން ވަނީ ބުނެފަ އެވެ. ރާއްޖެ ޓީވީއިން ބުނި ގޮތުގައި އެ ދެ ބޭފުޅުން ބައްދަލު ކުރައްވަމުން ގެންދެވީ ކެފޭ ލަޔާލީގަ އެވެ.

އެކަމާ ގުޅިގެން މުހުތާޒް މިއަދު "އަވަސް" އަށް ވިދާޅުވީ އޭނާ އެ ކެފޭއަށް ވަޑައިގަތީ އާއިލާގެ ދެ ކުއްޖަކާ އެކު ކަމަށާއި އެވަގުތު އެ ކެފޭގައި ގާޒީ ބާރީ އިންނެވި ނަމަވެސް އޭނާ އިންނެވީ ވަކިން މޭޒެއްގައި ކަމަށެވެ. އަދި ރޭ ގާޒީ ބާރީއާ އެތަނުން ބައްދަލުކޮށްފައި ނުވާނެ ކަމަށާއި އެކަން ސާބިތުކޮށް ދީފި ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް މުހުތާޒް ވިދާޅުވި އެވެ.

މުހުތާޒް ވިދާޅުވި ގޮތުގައި އެތަނަށް ނޫސްވެރިން އައުމަށް ފަހު އެ މީހުން ވަނީ ގާޒީ ބާރީ ވީޑިއޯކުރަން ފަށައިފަ އެވެ. ވީޑިއޯ ކުރަން ފެށުމުން އެ ކެފޭގެ ވެރިޔާ އައިސް ނޫސްވެރިންގެ އަތުން ކެމެރާ އަތުލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާޒީ ބާރީއަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ދައުވާލިބޭ ހުރިހާ ބޭފުޅުންގެ މައްސަލަ ބަލާ ބެންޗުގައި އިންނަވާ ފަނޑިޔާރެކެވެ. އަދި އޭނާއަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ވެސް މެއެވެ.