ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރިން ކުރި ދައުވާ އަނބުރާ ގެނެސް މިހާރު އުފުލާފައިވާ ޓެރަރިޒަމްގެ ކުރަން ނިންމި ނިންމުން ބާތިލްކުރަން ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
އެ މައްސަލައިގައި ކުށް ނުކުރާ ގާނޫނާއި ޚިލާފަށް ހައްޔަރު ކުރުމުގެ ދައުވާ ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި އުފުލާފައި އޮއްވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ ދައުވާ މިދިޔަ މަހު އަނބުރާ ގެނެސް ޓެރަރިޒަމްގެ ދައުވާ ނަޝީދުގެ މައްޗަށް އުފުލައިފަ އެވެ. އެހެންވެ ނަޝީދުގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅީ ޕީޖީގެ އެ ނިންމުމަކީ ގާނޫނު އަސާސީއާ ފުށުއަރާ ނިންމުމެއް ކަމަށް ބުނެ އެ ނިންމުން ބާތިލް ކުރުމަށެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅުމުން ހައި ކޯޓުން އިއްޔެ ނިންމުމުގައިވަނީ އެ މައްސަލައަކީ އިދާރީ ނިންމުމެއްގެ މައްސަލައެއް ކަމަށާއި އިދާރީ ނިންމުންތަކުގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.
ނަޝީދުގެ ފަރާތުން ހުށަހެޅި އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން ނިންމިއިރު ނަޝީދު ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅުމުން ވެސް އެ މައްސަލަ ވެސް ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ.